މިހާރު ޝޯޝަލް މީޑިއާގައި ވައިގަ ހިފަމުންދާ މަޝްއޫރު އެޕްލިކޭޝަން "ފޭސްއެޕް" އާއި ދުރުހެލިވުމަށް ޖަމިއްޔަތުއްސަލަފުގެ ނައިބު ރައީސް ޝައިހް ހަސަން މޫސާ ފިކްރީ ގޮވާލައްވައިފިއެވެ.

މީހުންގެ ސޫރަ ބަދަލުކުރުމާ ސޫރަ ހެދުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެއް ކަން ފާހަގަކުރައްވައި ފިކްރީ ވިދާޅުވީ ފޭސްއެޕާ ދުރުހެލިވާން ޖެހޭ ކަމަށެވެ. އާންމުންގެ ފަރާތަކުން "ފޭސްއެޕް" ބޭނުން ކުރުމާ މެދު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ފޭސްއެޕް ފަދަ އެޕްލިކޭޝަން ފަދަ ތަކެތި ބޭނުން ކޮށްގެން މީހުންގެ ސިފައަށް ފުރައްސާރަކޮށް، މީހުންގެ ސޫރަ އައިބު ކުރުމަކީ ދީން މަނާ ކުރާ ކަމެއް ކަމަށެވެ. އެދި އެފަދަ އެޕްލިކޭޝަން ތަކާ ދުރުހެލިވުމަށް އޭނާ ނަސޭހަތްތެރިވިއެވެ.

މީހުންގެ ސޫރަ ބަދަލުކޮށް، ސޫރަހެދުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އޭގެއިތުރުން ތިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން މީހުންނަށް ފުރައްސާރަކޮށް މީހުންގެ ސޫރަ އައިބު ކުރުމަކީ ދީން މަނާ ކުރާކަމެކެވެ. ވީމާ ”ފޭސްއެޕް“ ފަދަ އެޕްލިކޭޝަންތައް ބޭނުން ކުރުމާ ދުރުހެލިވުމަށް ނަޞޭޙަތްތެރިވަމެވެ“..
ޝައިހް ހަސަން މޫސާ ފިކްރީ

ފޭސްއެޕަކީ މީހެއްގެ ފޮޓޯއެއް ބޭނުންކޮށްގެން އެމީހެއްގެ ސިފަ މުސްކުޅި ކުރުމާއި، ޒުވާން ކުރުމުގެ އިތުރުން ޖިންސު އޮޅޭ ގޮތަށް ފޮޓޯ އެޑިޓު ކޮށްލެވޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ބޭނުކޮށްގެން އަމިއްލަ މީހާގެ ތަސްވީރުތަކަށް ތަފާތު ގޮތްތައް ހަދައިގެން ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކުރުން ދިވެހިންގެ ތެރޭގައިވެސް އަންނަނީ ވަރަށް ބާރަށް އާންމު ވަމުންނެވެ.