އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުމަށް ހުށަހަޅަންޖެހޭ ރަސްމީ ބިޑް، މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހުމަދު މަހްލޫފް މިއަދު ހުށަހަޅައި ދެއްވައިފިއެވެ.

މޮރީޝަސްގެ އިންޓަކޮންޓިނެންޓަލް ހޮޓަލްގައި މިއަދު ހެނދުނު ބޭއްވި ބިޑް ހުށަހެޅުމުގެ ހަފްލާގައި މި މުބާރާތް 2023 ވަނަ އަހަރު ބޭއްވުމަށް ރާއްޖެއާއެކު ވާދަކުރަމުންދާ މަޑަގަސްކާ އަދި ކޮމޮރޮސް އިންވެސް ވަނީ ރަސްމީކޮށް ބިޑް ހުށަހަޅާފައެވެ. ރާއްޖޭގެ ބިޑް ހުށަހަޅުއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މި މުބާރާތަކީ ދިވެހިންގެ ހިތްތަކާއި ގުޅިލާމެހިފައިވާ މުބާރާތެއް ކަމަށެވެ. އެގޮތުން އައިއޯއައިޖީއަކީ ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްކަމާއި، ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ޖެހި ފުރަތަމަ ގޯލް ޖެހީ މި މުބާރާތުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ކަނޑު ހުރަސްކޮށް މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން މި ސަރަހައްދުގެ އެހެން ގައުމުތަކަށް ދަތުރުކުރާތާ 40 އަހަރުވެފައިވާ ކަމަށާއި އެންމެ ފަހަރަކުވެސް މުބާރާތުގައި ބައިވެރިނުވެ ދޫކޮށްލާފައިނުވާނެ ކަމަށެވެ. އެކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މިއީ ރާއްޖެއަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭންވީ ފަހަރުކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މުބާރާތަށް ދޭ އަހައްމިއްޔަތު އެނގިގެންދަނީ، މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި މިނިސްޓަރު މަހްލޫފް މުބާރާތުގައި ބައިވެރިވާ ގައުމުތަކަށް ދަތުރުކުރެއްވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ގައުމުތަކުގެ އެންމެ އިސްވެރިންނާއި ބައްދަލުކޮށް ރާއްޖެއިން މިމުބާރާތް ބާއްވަން ކުރާ ބިޑަށް ތާއީދު ހޯއްދެވުމަށް ދެ ވަޒީރުން ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.