މަތިވެރިވެގެންވާ ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިއުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ބައެއް މީހުން މިހާރު ތިބީ ސައުދީއަށް ގޮހެވެ. އެކި ގައުމުތަކުން ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވެގެން ތިބޭ ތިބުމުގައި އެކި ކަހަލަ ބަލިތައް ފެތުރުމުގެ ފުރުސަތު އޮވެއެވެ. މިފަދަ ދަނޑިވަޅެއްގައި، ކަމާ ބެހޭ ސިއްހީ ތަޖުރިބާކާރުން ދެއްވާފައިވާ އިރުޝާދުތަކަށް ކިޔަމަންވުން މުހިންމެވެ.

މި ހިއްސާކޮށްލަނީ ޙައްޖުގެ އަޅުކަމަށް ޙައްސަވެގެން ސައުދީއަށް ދަތުރުކުރާ ފަރާތްތަކަށް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ދެމުންދާ ބައެއް އިރުޝާދުތަކެވެ. މިއީ އަމިއްލަ ވަޒަނުން ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމެވެ.

1. ގަވާއިދުން ޖަހަންޖެހޭ ވެކްސިންތައް ހަމަކޮށް، ޙައްޖު މޫސުމަށް ހާއްސަކޮށްގެން ޖަހަންޖެހޭ ވެކްސިންތައް ޖަހާ ހަމަ ކުރުން. ވަކިން ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކާ އުމުރުން ދުވަސްވީ މީހުން މިކަމަށް ވަކިން ބޮޑު ސަމާލުކަމެއް ދޭންޖެހޭ

2. ގަވާއިދުން ކާ ބޭހެއް ހުންނަނަމަ، ދަތުރަށް މަދު ނުވާނެ ވަރަށް އެ ބޭސްތައް ގެނައުން

3. ގަވާއިދުން، އަވަސް އަވަހަށް ހެދުން ބަދަލުކޮށް އުޅެވޭ ވަރަށް ހެދުން ގެންދިއުން. ހެދުން ހިޔާރު ކުރުމުގައި އަލި ކުލަކުލައިގެ، ގަޔަށް ދޫ ހެދުން ހިޔާރު ކުރުން

4. އެންމެ ފަހުގެ ތަފްސީލީ މައުލުމާތު އެކުލެވޭ މެޑިކަލް ރިޕޯޓެއް އަބަދުވެސް އަތުގައި ގެންގުޅުން. މި ރިޕޯޓަކީ އެމީހަކު ގަވާއިދުން ކައި ހަދާ ބޭސްތަކާ ބެހޭ މައުލޫމާތުވެސް ހިމެނިފައިވާ ރިޕޯޓަކަށް ވާންވާނެ

5. އަމިއްލަ ޒާތީ ސާފުތާހިރުކަމަށް ބޭނުން ކުރާ ސައިބޯންޏާ ދަތްއުނގުޅާ ބުރުހާ ބޭސްފަތައް ތަކެއްޗާ، ކުޑަ ތުވާލިކޮޅު ފަދަ ތަކެތި އެކަށީގެންވާ މިންވަރަކަށް ގެނައުން. ކުޑައެއް ގެންގުޅުންވެސް ބުއްދިވެރި.

6. ޑިސްއިންފެކްޓަންޓްސް އެންޓިޕައިރެޓިކްސް އަބަދުވެސް އަތުޖެހޭ ހިސާބުގައި ބެހެއްޓުން. ހަމަ މިއާއެކު، ތަދުކަނޑުވާ ބޭސްވެސް ގެންގުޅުން.

7. ހަކުރު ބަލި ހުންނަ މީހެއް ނަމަ، ހަކުރު ބަލަން ގޭގޭގައި ގެންގުޅޭ ޒާތުގެ މެޝިނެއް ހިފައިގެން އުޅުން

8. އެތައް ގަޑިއިރަކަށް ދެމިގެންދާ ދިގު ދަތުރެއް ކުރާނަމަ، ކޮންމެ ގަޑި-ދެގަޑިއިރަކުން ތެދުވެ ހިނގާލާ އުޅުމާ، އިށީނދެ އިންނަ ވަގުތުތަކުގައިވެސް ފައިގެ ހަރަކާތްތައް ކުރުން. އެއީ ފައިދުޅަވުން ފަދަ ކަމަކުން ސަލާމަތްވުމަށްޓަކާ

9. ޙައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިން މެޑިކަލް ޗެކަޕެއް ހަދާ، އެމީހަކީ ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން ގާބިލުމީހެއްކަން ކަށަވަރުކުރުން. ހިމެނެއެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ޙައްޖުވެރިންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި އަދި އެމީހުންގެ ލުއި ފަސޭހަކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.