އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދުނީ ތަހުގީގީ އިދާރާއިން ބޭނުންވާ މައުލޫމާތު ނުދޭ މުވައްޒަފުންނާމެދު ފިޔަވަޅު އެޅޭނެ ގޮތެއް ނެތްކަމަށް ކަނޑައަޅައި ދިނުމުގެ އަމުރަކަށް ކަން ހާމަވެއްޖެއެވެ.

މިއަދު ވަނީ އެސެޓްރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލްއިން ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލުވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ މައްސަލަ ޑިސްޕިއުޓުގައި ހައްލު ނުވެ މިހާރު ވަނީ ޝަރީއަތަށް ފޮނުވާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބީއެމްއެލްއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އިރު، ބީއެމްއެލުން ސިވިލް ކޯޓުގެ އަމުރަކަށް އެދުނީ، ކޮމިޝަނަށް މައުލޫމާތު ނުދޭ ބޭންކުގެ މުވައްޒަފުންނާ މެދު ފިޔަވަޅު ނޭޅުމަށް އަމުރެއް ނެރެދިނުމަށާއި، ކޯޓުގެ އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް، ދައުލަތުން އެގޮތަށް އެއްބަސްވެފައި ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ބީއެމްއެލް އިން އިހުމާލުވެފައި ވާކަމަށް ރިޕޯޓުތަކުން ދައްކާ އިރު، އެ ބޭންކުން "ނޮޓް ނެގޯޝިއަބަލް" ޗެކް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތު ކުރެވިފައެވެ.

މީގެ އިތުުރުން އެމްއެމްޕީއާރުސީގެ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ދޭކަމަށް ބައެއް މެންބަރުން އަންނަނީ ތުހުމަތު ކުރައްވަމުންނެވެ.