ހުޅުމާލެއަށް ދިޔަ މަގުމަތީގައި ހައިވޭގައި އެކްސިޑެންޓެއްގައި ހިނގައި މީގެއްގެ ދެ ދަތް ބިންދައިގެން ހިނަގެއްޖެއެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި 6:40 ހާއިރު ހުޅުމާލެ ބުރިޖް ހައިވޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އަދި ދެ ސައިކަލުގައި ހަތަރު މީހުން ތިބި އިރު އެ ހަތަރު މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް އަދި ދެމީހަކަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ. އަދި ދުއްވަން އިން ދެމީހުންގެ އަތުގައި ވެސް ލައިސަންސް އޮތްކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންނާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ބުނީ މިރޭ 7:00 ޖަހާ އެހާކަންހާއިރު، 21 އަހަރުގެ އަންހެނެއްގެ އިތުރުން 20 އަހަރުގެ ފިރިހެނެއް އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ ދެމީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ އިރު، ފިރިހެން މީހާގެ މަތީ ތުންފަތް ފަޅައިގެން ދިޔުމުގެ އިތުރުން ކަނާތު ބުމަ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ދެ ދަތް ބިންދައިގެން ދިޔަކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ.