ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ށ. މިލަންދޫގައި ގާއިމްކުރި އަތޮޅުތެރޭގެ ފުރަތަމަ ސްމާޓް ސްކޫލްގެ ސީލިން ވެއްޓުނު އިރު ސުކޫލުން ވާރޭ ވެސް ހިޔާ ނުވާކަމަށް ށ. މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފާއިޒް ވިދާޅުވީ ސުކޫލުގެ ކުދިން ކިޔަވަން ތިއްބައި މިއަދު އެ ސުކޫލުގެ ބައެއް ކްލާސްރޫމް ތަކުގެ ސީލިން ވެއްޓިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކިޔަވައިދިނުން މެދުކަނޑާލަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. ފާއިޒް ވިދާޅުވި ގޮތުގައި ސުކޫލުގެ ސީލިން ވެއްޓެން ދިމާވީ އެތަން އިމާރާތްކުރުމުގައި ފަރުވާކުޑަކޮށް އިމާރާތްކޮށްފައި ހުރުމުގެ ސަބަބުންނެވެ.

ސީލިން ވެއްޓުން އެކަންޏެއް ނޫން. ސުކޫލުގެ ސްޓާފުންގެ ރޫމްތަކަށް ވާރޭ ވެހެނީ. ސްމާޓް ސުކޫލެކޭ ކިޔާފަ 4 ބުރީގެ އިމާރާތެއް އަޅާފަހުރީ ނިކަން ފަރުވާކުޑަކޮށް
އަބްދުﷲ ފާއިޒް

އޭނާ ވިދާޅުވީ މިލަންދޫ ސުކޫލުގައި ސީލިން ކޮށްފައި ހުރީ ރާވާ ސީލިންގުން ކަމަށާއި އެއީ އެފަދަ ތަނަކަށް އެންމެ ރައްކާތެރި ސީލިން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އިމާރާތް ކުރުމުގެ ފަރުވާ ކުޑަކަމުން ސްޓާފުން ތިބޭ ރޫމުތަކަށާއި، ފާހަނާ ތަކަށް ވާރޭވެހި ފެން ވަންނަމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެެ.

މިލަންދޫގައި ކުރީގެ ރައީސް ޔާމީނުގެ ދައުރުގައި ގާއިމްކޮށްފައި ހުރި ސުކޫލަކީ 4 ފަންގިފިލާގެ ސްކޫލެކެވެ. އެތަން ބިނާ ކުރުމަށް އޭރުގެ ސަރުކާރުން ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.