ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އެޅުމަށް ދައުލަތުން ހަވާލު ކުރި ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް ބުކިން ފީ ދެއްކި ފަރާތްތަކަށް ބަދަލުދިން ކަމުގައި ވީނަމަވެސް އެކަމުގެ ޖިނާއީ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ދައުލަތުން ސީލައިފަށް ބުކިން ފީގެ ގޮތުގައި 50000 ރުފިޔާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް ނިންމި ނިންމުމާ ގުޅިގެން، ބަދަލު ދިނުމަށް ފަހު އެ މައްސަލަ ހިންދާލާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޒާހިރު ވިދާޅުވީ އެ ފުލެޓުތަކަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ އެފަރާތްތަކުގެ ހައްގު ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށާއި އެހެން ނަމަވެސް ހައުސިން ޑިވެލޮޕްމެންޓު ކޯޕްރޭޝަން އެޗްޑީސީ އިން އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ ބެލުން މަޑު ޖައްސައި ނުލައި ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސީލައިފަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ. އަދި ސީލައިފަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.

އާންމުންގެ 203 މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު ސީލައިފުން އެ ފަރާތްތަކަށް އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. ސީލައިފުގެ ވެރިޔާ ހޯދުމަށް ދާދި ފަހުން ވަނީ ރެޑް ނޯޓިހެއް ވެސް ނެރެފައެވެ. އޭނާ ދިރިއުޅެމުންދަނީ ލަންކާގައި ކަމަށް މައުލޫމާތު ލިބެއެވެ.