ގއ، ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމާ ގުޅޭގޮތުން ހުށަހަލާފައިވާ 4 ޝަކުވާއެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން ބުނީ އޭނާ އާ ގުޅޭގޮތުން ހުށަހަޅައިފައިވާ ޝަކުވާތައް ބެލުމަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 46 ވަނަ ވަނަ ބައްދަލުވުމުގައި ކަމަށެވެ.
އެ މައްސަލަ ބެލުމަށް ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އެއީ، ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި، އެ ކޮމިޝަނުގެ ހަތަރު މެންބަރުން ކަމުގައިވާ ހިސާން ހުސައިން، އަބްދުލްޣަފޫރު އިބްރާހިމް، މުހައްމަދު އީސާފުޅުގެ އިތުރުން އިބްރާހިމް ރިފްއަތު ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ހދ. ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްއާ މައްޗަށް ހުށަހަޅައިފައިވާ ދެ މައްސަލައެއް ބެލުމަށްވެސް ނިންމާފައި ވާ ކަމަށް ޖޭއެސްސީ އިން މައުލޫމާތުދެއެވެ.
އަދި އިތުރު ފަނޑިޔާރަކާ ގުޅޭގޮތުން ވެސް ދެ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށާއި އެހެން ނަމަވެސް ޖޭއެސްސީ އިން ބެލިބެލުމުން އެ ފަނޑިޔާރުގެ މައްސަލައިގައި ބަލާނެ ތަނެއް ނެތް ކަމަށް ވަނީ ނިންމާފައެވެ.
ޖޭއެސްސީ އިން އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 46 ވަނަ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ އެ ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފް އެވެ.