ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނުގެ އާންމު ރައްޔިތުންނަށް އެމެރިކާއިން ހަމަލާދެމުންދަނީ ގަސްތުގައި ކަމަށާ، އެމެރިކާގެ މި އަމަލީ އިގުތިސޯދީ ޓެރަރިޒަމް ކަމަށް ސިފަކޮށް، އީރާނުން އެމެރިކާއަށް ފާޑުކިޔައިފިއެވެ.

އެމެރިކާގައި ހުންނަ އދގެ މައި އިދާރާގައި ކުރިޔަށްދިޔަ ފޯރަމްއެއްގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވީ، އިރާނުގެ ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހަމަލާ ދެމުންދަނީ ގަސްތުގައި ކަމަށެވެ. އަދި އެމެރިކާއިން މިކަން ކުރަމުންދަނީ ޣައިރު ގާނޫނީ ގޮތެއްގައި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ކަމަށްވެސް ޒަރީފު ވަނީ ތުހުމަތު ކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޒަރީފު ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނާ އީރާނުގެ އަވަށްޓެރިންގެ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ފުނޑުފުނޑުކޮށްލުމަށްކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާއިން ވަކިވުމަށް ފަހުގައެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސީދާ އަސަރު ކުރަމުންދަނީ އީރާނުގެ އާންމު ރައްޔިތުންނަށެވެ. އެގޮތުން އީރާނުގެ ބަލި މީހުންގެ އާބާދީއަށް ބަލާއިރު 30 ޕަސެންޓް މީހުންނަކީ ޑޮކްޓަރަށް ދައްކާނެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން، ބޭސް ސިޓީއަކާ ނުލާ ފާމަސީތަކުން ބޭސް ނަގައިގެން އަމިއްލައަށް ފެނުނު ގޮތަކަށް ބޭސް ކަމުންދާ ބައެއްކަން އީރާނުގެ ސިއްހަތާ ބެހޭ ވަޒީރު އިރާޖު ހަރީރުޝީވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ އެގައުމުން އަސްކަރީ ބާރުވެރިކަން ހޯދުމަށް ހިންގާ މަޝްރޫއެކެވެ. ނަމަވެސް އީރާނުން ވަކާލާތުކުރަމުންދަނީ އެ މަޝްރޫއަކީ މަދަނީ، ސުލްހަވެރި މަޝްރޫއެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ހޯދާ ދިނުމަށް ވިލާތުގެ ބާރުތަކުންވެސް އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް ބުނެ، އީރާނުން ވަނީ 2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމުގައި ކަނޑާއަޅާފައިވާ ބައެއް ކަންކަމާ ދުރަށް އީރާނުންވެސް ޖެހެމުންދާނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން، ޔުރޭނިއަމް މުއްސަނދިކޮށް ފައްކާކުރެވޭނެކަމަށް ކަނޑައަޅާފައިވާ ހައްދުގެ އިމަށް އީރާނުން ދެން ނުބަލާނެ ކަމުގެ އިންޒާރު އެގައުމުން ވަނީ ދީފައެވެ.

ކަންމިހެން އޮތްއިރު، އެމެރިކާއިން ދަނީ އެމެރިކާގައި ދިރިއުޅެމުންދާ އީރާނުގެ އެކި ފަންތީގެ ރައްޔިތުންނަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އެގޮތުން އެމެރިކާގައި ތިއްބަވާ އީރާނުގެ ޑިޕްލޮމެޓުންނާ އެ ފަރާތްތަކުގެ އާއިލާގެ މެމްބަރުންގެ ދަތުރުފަތުރަށް އެމެރިކާއިން ހުރަސްއަޅަމުންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ.