ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގަނޫނުގެ 3 ވަނަ މާއްދާގެ ދަށުން "ދިވެހިރާއްޖޭގެ ބާ ކައުންސިލު"، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވައިފިއެވެ.

ރައީސް ސޯލިހް ބާ ކައުންސިލް އުފައްދަވާފައި ވަނީ ހުސްވި ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. މިއަދު ރައީސް އޮފީހުން މިކަމާ ގުޅޭގޮތުން ނެރުނު ދެންނެވުމުގައި ވަނީ ދައުލަތުގެ އިދާރާތަކުން ބާ ކައުންސިލަށް ލިޔާ ސިޓީގައި ޖަހަންޖެހޭ ނަންބަރަކީ 480 ކަމުގައި ރައީސް ސޯލިހް ހަމަޖައްސަވާފައިވާ ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިހާބުގައި މެންބަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ހަ މެންބަރުންގެ ތެރޭގައި އަނާރާ ނައީމާއި ކުރިން ފަނޑިޔާރުކަން ކުރެއްވި އައިޝާ ޝުޖޫން މުހައްމަދު އަދި އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރާއި މުހައްމަދު ފައިސަލް އަދި މުހައްމަދު އަސީލް ހަސަންގެ އިތުރުން ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވެސް ހިމެނި ވަޑައިގަންނަވައެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި، ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި ބަންޑާރަ ނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ހަ ބޭފުޅެއްގެ މައްޗަށެވެ. އެގޮތުން ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް މައުމޫން ހަމީދު އިންތިހާބު ވެވަޑައިގެންނެވި އިރު، ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވީ އަބްދުﷲ މުއިއްޒެވެ.