މަތިވެރިވެގެންވާ ޙައްޖުގެ މަތިވެރިކަން އަޅުކަން އަދާކުރުމުގެ ފުރުސަތު، ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ 2 މިސްކިތަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކުގައި މަރުވެދިޔަ 50 މީހުންގެ އާއިލާތަކަށް ދިނުމަށް ސައުދީގެ ސަލްމާން ރަސްގެފާނު އަމުރެއް ނެރުއްވައިފިއެވެ.

ސަލްމާން ރަސްގެފާނުގެ އަމުރުފުޅުގައި ބަޔާންކުރައްވާފައިވަނީ، ކްރައިސްޓްޗާޗް ހަމަލާގައި ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކުން 200 މީހަކަށް މި ފުރުސަތު ދިނުމަށް ކަމަށް، ސައުދީގެ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޝައިހު ޢަބްދުލްއާތިފު ބިން ޢަބްދުލްޢަޒީޒު އަލް ޝައިހު ވިދާޅުވެއެވެ.

މިއީ ޓެރަރިޒަމްއާއި ދެކޮޅަށް ސައުދީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަންވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. ސައުދީގެ ދައުވަތަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިއުޒީލަންޑްއިން އަންނަ ޙައްޖުވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުމުގެ އިންތިޒާމް، ނިއުޒީލަންޑްގައި ހުންނަ ސައުދީގެ އެމްބަސީ މެދުވެރިކޮށް ކުރަމުންދާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ސަލްމާން ރަސްގެފާނު ވަނީ، މިދިޔަ އަހަރު ފަލަސްޠީނުން ޝަހީދުވީ މީހުންގެ އާއިލާތަކުގެ ގިނަ އަދަދެއްގެ ބަޔަކަށްވެސް ޙައްޖު އަޅުކަން އަދާކުރުމުގެ ފުރުސަތު މިއަހަރު ދެއްވާފައެވެ.