އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެހެން ނަސްލުގެ 4 މެމްބަރަކަށް އަމާޒުކުރައްވާ އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރިމަތިކުރެއްވި ފުރާސަރައިގެ އަމަލު، ރަމްޒީ ގޮތުން ކުށްވެރިކުރެއްވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެމްބަރުން ވޯޓު ދެއްވައިފިއެވެ.

ޓްރަމްޕްގެ ނަސްލީ ފުރައްސަރައިގެ އަމަލު ކުށްވެރިކުރައްވާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ވޯޓުދިން ގަރާރު ބުނާ ގޮތުގައި، ޓްރަމްޕްގެ އެ ވާހަކަފުޅުތަކަކީ، އެމެރިކާގެ ރަށްވެހިކަން އަލަށް ހޯދާ ފަރާތްތަކާ، ދޮން ނަސްލު ނޫން "ކުލަކުލައިގެ"ގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، އެމީހުންނާ މެދު އެހެން މީހުންގެ ހިތުގައި ނަފުރަތު އުފައްދަން ދެވުނު ހިތްވަރެކެވެ.

ޓްރަމްޕް ވަނީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެހެން ނަސްލުތަކުގެ ހިޖުރަވެރިންނަށް އެންމެ ރަނގުވާނީ އެމެރިކާ އިސްލާހު ކުރަން އުޅުމުގެ ބަދަލުގައި، އެ މީހުންގެ ނަސްލުގެ އަސްލު އޮތް ގައުމުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި، އެމެރިކާ ދޫކޮށް އެގައުމުތަކަށް ދިއުން ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރަޓުން ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން ވަކިން ހާއްސަކޮށް އަންހެން މެމްބަރުންނަށް އިޝާރަތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ މެމްބަރުންގެ ނަސްލީ ވަޒަނަކީ ކޮރަޕްޓްވެފައިވާ ގައުމުތަކެއް ކަމަށާ، ސަރުކާރެއް އޮތް ނަމަވެސް، އެ ސަރުކާރަކީ ދުނިޔޭގެ އެއްވެސް ތަނަކަށް ކުފޫ ހަމަވާ ސަރުކާރެއް ނޫންކަމަށެވެ. މިފަދަ ހާލެއްގައި ތިބި ބަޔަކު އެމެރިކާއަށް އައިސް، އެމެރިކާގެ ސަރުކާރު ހިނގަންވީ ގޮތް، ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އެމެރިކާގެ އުފަން ވަޒަންވެރިންނަށް ކިޔައިދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްވީޓާ މެދުވެރިކުރައްވާ ޓްރަމްޕް މި ހަމަލާތައް އަމާޒުކުރައްވާފައިވަނީ ނިއުޔޯކްގެ މެމްބަރު އެލެކްޒެންޑްރިއާ އޮކާޒިއޯ-ކޯޓޭޒް، މިނެސޯޓާގެ މެމްބަރު އިލްހާން އުމަރު، މިޗިގަންގެ މެމްބަރު ރަޝީދާ ތޯލިބު މެސަޝޫސެޓްސްގެ އަޔާނާ ޕްރެސްލީއަށް ކަމަށް މުރާސިލުން ލަފާކުރެއެވެ. މިމެމްބަރުންގެ ތެރެއިން އެމެރިކާއިން ބޭރު ގައުމަކަށް އުފަންވީ އިލްހާން އުމަރެވެ. ދެން ތިއްބެވި މެމްބަރުންނަކީ އެމެރިކާއަށް ހިޖުރަކުރި އެކި ދަރިކޮޅުތަކުގެ މީހުންނަށް، އެމެރިކާގައި އުފަންވި ކުދިންނެވެ.

ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ޓްރަމްޕަށް އަމާޒުވަމުންދަނިކޮށް، ޓްރަމްޕް އަނެއްކާވެސް ވަނީ ދިފާއަށް ކުޅުއްވާ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ހަށިކޮޅުގައި، ނަސްލީ ތަފާތުކުރުންތަކާ ފުރައްސާރައަށް ހިތްވަރުދެއްވާ އެންމެ "ކަށިކޮޅެއް"ހާ ހިސާބުވެސް ނުހުންނާނެކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ތާއީދު ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާފައެވެ.