އުމުރުން ދުވަސްވީ މީހުންނަށް މަހަކު 10000 ރުފިޔާ ދިނުމަށް ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ މިހާރު އުމުރުން ދުވަސްވީ މީހުނަށް ދައުލަތުން ޕެންޝަނުގެ ގޮތުގައި ދޭ 5000 ރުފިޔާ 10000 ރުފިޔާ އަށް މަތި ކުރުމަށާ، ކޮންމެ 3 އަހަރަކުން އުމުރުން ދުވަސްވީ މީހުންގެ މާލީ ހާލަތު މުރާޖައާކޮށް މި އަދަދަށް އިތުރު ބަދަލެއް ގެންނަން ޖެހޭތޯ ބެލުމަށެވެ.

މި ބިލާމެދު ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިހާރު އުމުރުން ދުވަސްވީ މީހުންނަށް ލިބޭ ފައިސާގެ އަދަދަކީ މަދު އަދަދެއް ކަމަށާއި، އެ ފަރާތްތަކަށް މިހާރު ދެމުންދާ 5000 ރުފިޔާއަކީ އުމުރުން ދުވަސްވީ މީހުންނަށް ހޭދަވާ ހަރަދަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ.

މި އިސްލާހު ގެނައުމަށް ބަހުސަށް ހުޅުވާލުމުން މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީއިން ދަނީ މި ބިލާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ. އެމްޑީޕީގެ މެންބަރުން ފާހަގަ ކުރައްވާގޮތުގައި ޖާބިރު މި ބިލު ހުށަހަޅުއްވާފައި ވަނީ ގައުމުގެ މާލީ ހާލަތާ މެދު ނުވިސްނަވައެވެ. އަދި މި ބިލަކީ ދައުލަތުން ކޮންމެ މަހެއްގެ މައްޗަށް އެތައް ފައިސާއެއް ހަރަދު ކުރަން ޖެހޭނެ ބިލެއް ކަމަށާ މި ކަމަށް ވުރެ މާ މުހިންމު ކަންކަން ނުވެ އެބަހުރި ކަމަށް އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.

އަދި މިފަދަ އިސްލާހެއް ހުށަހެޅަން ވާނީ ބަޖެޓު ފާސްކުރުމުގައި ކަަމަށާ، އަހަރުގެ މެދުތެރެއިން ކުއްލިއަކަށް އުމުރުން ދުވަސްވީ މީހުންނަށް ދޭ ފައިސާގެ އަދަދު ދެގުނައަށް އިތުރު ކުރުމަކީ ވާނެ ކަމެއް ނޫންކަމަށް އެ ފަރާތްތަކުން ފާހަގަ ކުރެއްވިއެވެ.