އީރާނުގެ މަސްރަހު މިވަގުތު އޮތް ގޮތުން، އެގައުމުގެ ސަރުކާރާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާ ރުޅިވެރިކަން އުފެދި، ގަދަވަމުން ދާ ކަމުގެ އިންޒާރު، އީރާނުގެ ކުރީގެ ރައީސް މުޙައްމަދު ޚާތަމީ ދެއްވައިފިއެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ހާމަނާއީ ދެއްވި އިންޒާރުގެ މެސެޖުގައި ޚާތަމީ ވިދާޅުވީ، އީރާނުގެ ސަރުކާރުން ކުރިމަތިކުރާ ފިއްތުންތަކުގެ އިތުރުން އެގައުމުގެ އިޖުތިމާއީ އަދި އިގުތިސޯދީ މަސްރަހު ނުތަނަވަސް ވަމުން ދިއުމުގެ ސަބަބުން އާންމު ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު އިންތިހާއަށް ރުޅިވެރިކަން އުފެދިފައި ވާކަމަށެވެ.

ހަމަ މިއާއެކު އީރާނުގެ ސަރުކާރު ވައްޓާލުމަށް އެގައުމުގެ ތެރެއިން މަސައްކަތްތަކެއް ކުރަމުން ދާ ކަމުގެ އިންޒާރުވެސް ޚާތަމީ ވަނީ ދެއްވާފައެވެ. ކަންމިހެން އޮތްއިރު ދާހިލީ ފެންވަރެއްގައި އީރާނުގެ މައްސަލަތަކަށް ހައްލު ނުހޯދެވުމަކީ، އިދިކޮޅު ފަރާތްތަކުގެ ސިޔާސީ އޮއެވަރު އިތުރަށް ގަދަވެގެންދާ ކަމެއް ކަންވެސް ޚާތަމީ ވަނީ ފާހަގަ ކުރައްވާފައެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަކީ އެގައުމުގެ ގަދީމީ ސަގާފަތުގެ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި އޮތް ނަމަވެސް ފާއިތުވީ އަހަރެއްހާ ދުވަހަށް ބަލާއިރު، ތާރީހުގައި ނީވޭހާ ގަދައަށް، ސަރުކާރާ ދެކޮޅު ޝުއޫރުތަކުގެ އަޑުތައް ވަނީ ގުގުމަން ފަށާފައެވެ. އީރާނުގެ ސަރުކާރާ އިދިކޮޅު ގިނަ ފަރާތްތަކުން ދިރިއުޅެމުން ދަނީ ގައުމުން ބޭރުގައި ކަމަށް ވާއިރު، އެ ފަރާތްތަކުން ދަނީ އީރާނަށް ޑިމޮކްރަޓިކް އިންގިލާބެއް ގެނައުމަށްވެސް މަސައްކަތް ކުރަމުންނެވެ.

މުރާސިލުން ބުނާ ގޮތުގައި އެފަރާތްތަކުން މިހާރު ދަނީ، އެމެރިކާއިން އީރާނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ސަރުކާރު 'ހޫނުފެނުގެ އަނދަވަޅަކަށް' ވެއްޓިފައި އޮތް އޮތުމުގެ ފައިދާ ނަގަމުންނެވެ.

މިދަނޑިވަޅަކީ 2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމުން މިދިޔަ އަހަރު އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް އެކި ގޮތްގޮތުން ފިއްތުންތަކެއް ކުރަމަތި ކުރަމުންދާ ދަނޑިވަޅެކެވެ. ހަމައެހެންމެ، ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ސަޕްލައި ކުރާ މައި މަގު ކަމަށްވާ ހޮރުމޫޒު ކަނޑުއޮޅީގައި އެމެރިކާއާއި އީރާނުގެ ޑިޕްލޮމެޓިކް ހަނގުރާމަގަނޑު ގަދަވެ، އަސްކަރީ ނުތަނަވަސް ކަމެއްވެސް އުފެދިފައިވާ ދަނޑިވަޅެއް މެއެވެ.