މީގެ ދިހަ ބާރަ އަހަރު ކުރިއަށް ނަޒަރު ހިންގާލާއިރު ވަކި ކަހަލަ ފޭރާމަކީ ވަކި ޖިންސަކަށް ހާއްސަ ފޭރާމެކޭ ބުނެވޭ ހާ ފަސޭހައިން ދެ ޖިންސުގެ ފޭރާންތައް އޮތީ ގިންތި ކުރެވިފައެވެ. ދެ ޖިންސުގެ މީހުން ބޭނުންކޮށް އުޅޭ ގަމީހަށް ބަލާއިރުވެސް މިކަން އޮތީ މިހެނެވެ. މިސާލަކަށް މާގަނޑު ޖަހާފައި ހުންނަނީ އަންހެނުންނަށް ހާއްސަ ގަމީހުގައެވެ.

ކަންމިހެން އޮތް ޒަމާން މާޒީ ވެއްޖެއެވެ. ގަމީހުގައި ހުރި ކުރެހުން ގަނޑަށް ބަލައިގެން އަންހެން ގަމީހެއް ފިރިހެން ގަމީހެއް ބުނާކަށް މިހާރު ފަސޭހަ އެއް ނޫނެވެ. ކުދިމަލުން ފެށިގެން ގޮސް ބޮޑު މާ ޖެހި ގަމީސް ލާ ފިރިހެނުން އުޅޭއިރު، ފަލަ ރޮނގާ ހިމަ ރޮނގުން ފެށިގެން ގޮސް ގޮޅިޖެހި ގަމީސްލާ އަންހެނުންވެސް އެހާ ގިނައެވެ.

މިހުރިހާ ކަމެއް މިހެން ހުރިއިރު ބަދަލު ނުވާ އެއް ކަމެއް އެބަ އޮތޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. މި ދަންނަވަނީ ދެ ޖިންސު ވަކިވާ އެންމެ ބޮޑު ރަމްޒުގެ ވާހަކައެވެ. އެއީ ގަމީހުގެ ގޮށްފަތި ހުންނަ ފަޅީގެ ވާހަކައެވެ. ރަނގަޅަށް ވިސްނާލާށެވެ. ސަމާލުކަން ނުދެވި އޮތްނަމަވެސް މިކަން އޮތީ އަދިވެސް މިހެނެވެ. އަންހެން ގަމީހެއް ނަމަ ގޮށްފަތި ހުންނަނީ ވާތުގައެވެ. ފިރިހެން ގަމީހެއް ނަމަ ކަނާތުގައެވެ. މިކަން މިހެން އޮންނަނީ ކީއްވެކަން ސާބިތުކޮށް ބުނަން ނޭނގުނު ނަމަވެސް، އެކަމަށް ހެކިދޭ ތަފާތު ވާހަކަތަކެއް ފެޝަންގެ ތާރީހަށް ބަލާލުމުން ފެންނަން އެބަހުއްޓެވެ.

ފަރަންސޭސި އެމްޕަރާ ނަޕޯލިއަން ބޮނަޕާޓުގެ ހައިބަތު ދައްކުވާދިނުމަށް ބޭނުންކުރި ތަސްވީރެއް/ފޮޓޯ: މެންޓަލް ފްލޮސް

ޒީނަތްތެރިވުމުގެ ތާރީހަށް ބަލާއިރު، އަންހެނުންނަކީ އެމީހުން އަމިއްލައަށް ހެދުން އަޅާ އުޅުނު ބައެއް ނޫނެވެ. އޭރު ހެދުމެއް ލެވޭނީވެސް މަތީ ފަންތީގެ އިއްޒަތްތެރި "ފަތްމިނިން"ނަށް ކަމަށްވާއިރު، އެ "ކަނބަލުންގެ ހެދުންކޮޅު ތުރުކޮށްދެއްވާނެ" ހާދިމާއިން އަރިހުގައި ތިބެއެވެ. ފަތްމިނީގެ ކުރިމަތީގައި ހުރެގެން، ކަނާތްތެރި ހާދިމަކަށް ގޮށް އަޅުވާދޭން ފަސޭހަވާނީ ފަތްމިނީގެ ވާތަށް ވާ ގޮތަށް ގޮށްފަތި ހުރެގެން ނޫން ހެއްޔެވެ. މިއީވެސް އެއް ސަބަބު ކަމުގައި ވެދާނެއެވެ.

ދެން އޮތީ ފިރިހެން ގަމީހުގެ ގޮށްފަތި ކަނާތުގައި ހުންނަ ވާހަކައެވެ. ގިނަ މީހުންނަކީ ކަނާތްތެރިން ކަމަށްވާއިރު ކޯޓުގެ ތެރޭގައި ފޮރުވާފައި އޮންނަ ހަތިޔާރު ނެގުމަށް އޮމާން ކަމާއެކު ކޯޓުގެ ތެރެއަށް ކަނާތް ހިންގާލެވޭނީ ގޮށްފަތިވެސް ކަނާތުގައި ހުރުމުންތާއެވެ. ފެޝަންގެ ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފިރިހެނުންގެ ގޮށްފަތި ކަނާތަށް ހާއްސަކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މިއީއެވެ.

އަންހެން ގަމީހުގެ ގޮށްފަތި ވާތަށް ލާންޖެހުނު އެންމެ ބޮޑު އަނެއް ސަބަބަކީ ފަރަންސޭސި އެމްޕަރާ ނަޕޯލިއަން ބޮނަޕާޓުގެ ހުދުމުހުތާރު އަމުރުކަމުގައިވެސް ވެދާނެއެވެ. ފެޝަންގެ ދުނިޔޭގެ ބައެއް ލިޔުންތަކަށް ބަލާއިރު ގަމީހުގެ ދެގޮށް ދޭތެރެއިން ގައި ތެރެއަށް ވާ ގޮތަށް ނަޕޯލިއަން ހުންނާނީ އަތް ޖަހާލައިގެންނެވެ. މިއީ ހައިބަތާ އިއްޒަތުގެ ރަމްޒެއްކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް އެކަންވީ އަންހެނުންނަށް ޖޯކަކަށެވެ. އެކަމަށް ހަޖޫ ޖެހި އަންހެނުންގެ އަދަދު އިތުރުވުމާއެކު، އަންހެނުންނަށް އެ ފަދަ ޝަރަފެއް ނުދިނުމުގެ ގޮތުން، އަންހެނުންގެ ގަމީހުގެ ގޮށްފަތި ވާތަށް ބަދަލުކުރުމަށް ނަޕޯލިއަން އަމުރުކުރީ ކަމުގައިވެސް ބުނެވެއެވެ. ފެޝަނަކީ ފަރަންސޭސިންގެ މިލްކެއް ކަމަށް އަދުގެ ދުނިޔޭގައިވެސް ވަކާލާތު ކުރާއިރު، މިކަން މިހެންވުން ގާތް ނުވެއެކޭ ނުދެންނެވޭނެ އެވެ.

އަންހެން ގަމީހަކާ (ކ) ފިރިހެން ގަމީހެއްގެ ގޮށްފަތީގެ ތަފާތު ދައްކުވާދޭ ތަސްވީރެއް/ފޮޓޯ: ޕިންޓްރެސްޓް

ދެން އޮތީ އަންހެނުން ދަތުރުފަތުރުކޮށް އުޅުމުގައި އިސްކުރި ފަރާތުގެ ވާހަކައެވެ. އޭރު އަންހެނުންކަކީ ކަނާތް ފަރާތަށް އިސްވާ ގޮތަށް އަހުގެ އެއް ފަޅިއަށް އަރައިގެން އަސް ދުއްވާ އުޅުނު ބައެއްކަމަށްވެއެވެ. އެހެންކަމުން ގޮށްފަތި ވާތަށް ހުރުމުން ހެދުމުގައި ވައި އެޅިގެން، ގައި ކަޝްވުން ދުރުކޮށްދޭ ކަމަށް ވާހަކަދެކެވެ.

ކަންމިހެން އޮތްއިރު، އާންމު ދިރިއުޅުމަށް މިކަން އައި ކިހިނެއްތޯ ބަލަމާ ހިނގާށެވެ. މިކަމުގައި ބުރަވާންޖެހެނީ އިންސާނީ ތޮބިއްޔަތަށެވެ. ރީތި އެއްޗިއްސާ މުސަނދި ދިރިއުޅުމަށް ލޯބިކުރެވެމެވެ. ނަތީޖާއަކަށްވީ މުއްސަނދިން ހެދުން އަޅާ އުޅުނު ގޮތަށް ހެދުން އަޅަން ފެށުމެވެ. ހާދިމުންލައްވާ ގޮށް އަޅުވަން ފަސޭހައަކަށް ނުވަތަ އަސްދުއްވާއިރު ގައި ކަޝްފުވިޔަ ނުދިނުމަށް ވާތަށްޖެހި ގޮށްފަތިވެސް އެގޮތަށް ނަކަލުކޮށް، އަދާ ޖެހެންދެކަށްވެސް އަންހެން ގޮށްފައްޗާ ފިރިހެން ގޮށްފައްޗަށް ހާއްސަ ފަރާތެއް އޮތުމަށް މަޖުބޫރުކުރުވީއެވެ.