ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދުމަށް މަސައްކަތްކުރަމުން އަންނަ އިންޑިއާގެ ޖައްވީ މިޝަންއިން ހަނދަށް ކުރަން ހަމަޖެއްސި "ޗާންދްރަޔާން-2"ގެ ދަތުރު ފަށަން ގަޑިއިރެއްހާއިރަށް ވެފައި ވަނިކޮށް ކެންސަލް ކޮށްލައިފިއެވެ.
އިންޑިއާއިން ހަނދަށް ދިއުމަށް ރޭވި މިޝަން އެންމެ ފަހުވަގުތު ކެންސަލް ކޮށްފައިވަނީ، ސެޓެލައިޓް ލޯންޗުކުރަން ބޭނުންކުރާ އުޅަނދުގައި ޓެކްނިކަލް މައްސަލައެއް ޖެހިގެން ކަމަށް ޚަބަރު ލިބެއެވެ.
"ޗާންދްރަޔާން-2"ގެ ދަތުރު ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޗާންދްރަޔާން-2 ގެ މިޝަންއަކީ ކޮބާ؟
150 މިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫއަކީ ހަނދުގެ ދެކުނު ތަނޑިއަށް ދަތުރުކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދުމަށް އިންޑިއާއިން ކުރިއަށް ގެންދާ މިޝަންއެކެވެ. މި ދަތުރުގައި ހަނދުގެ ސަތަހައިގެ ދިރާސާތައް ކުރުމުގެ އިތުރުން ހަނދުގައި ފެން ހުރި މިންވަރާ، މިނަރަލް އެކުލެވޭ މިންވަރު ބަލާ، ހަނދަށް އަންނަ ބިންހެލުން ޒާތުގެ ލޮޅުންތަކާ ބެހޭ އިތުރު ތަހުލީލުތައް ކުރެވިގެންދާނެކަމަށް ޚަބަރު ލިބެއެވެ.
މި މިޝަން ކާމިޔާބު ވެއްޖެނަމަ އިންޑިއާ ވެގެން ދާނީ ހަނދުގެ ސަތަހައިގައި ކާމިޔާބު ކަމާއެކު ޖެއްސި 4 ވަނަ ގައުމަށެވެ. މި ލިސްޓުގައި މިހާރު ހިމެނެނީ އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަންއެވެ.
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއް ކަށަވަރުކުރައްވާފައިވާ ނަރޭންދްރާ މޯދީގެ ވެރިކަމުގައި ޖައްވީ ރޮނގުން އެގައުމު ގިނަ ކުރިއެރުންތަކެއް ހޯދަމުން ދިޔަ ނަމަވެސް، ގައުމުގައި އޮތް އިންތިހާ ފަގީރުކަން ނައްތާލުމަކީ އެހެން ހުރިހާ ކަމަކަށްވުރެ މުހިންމު ކަމެއް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ އިންޑިއާގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.
އިންޑިއާއިން ހަނދަށް ދިޔަތަ؟
އިންޑިއާއިން ހަނދަށް ދިއުމުގެ އަމާޒުގައި "ޗާންދްރަޔާން-1" ލޯންޗުކުރީ 2008 ވަނަ އަހަރުއެވެ. ނަމަވެސް އެފަހަރު ހަނދުގެ ދިރާސާތައް ކޮށްފައިވަނީ ރޭޑާ ބޭނުން ކޮށްގެންނެވެ. "ޗާންދްރަޔާން-1"، ހަނދުގެ ސަތަހައިގައި ޖައްސާފައެއް ނުވެއެވެ.
ޗާންދްރަޔާން-2 ހަނދަށް ދާނީ ކިހިނެއް؟
"ޗާންދްރަޔާން-2"ގެ މިޝަން ކާމިޔާބު ކުރުމަށް އިންޑިއާއިން ބޭނުންކުރަނީ އެގައުމުގައި މިވަގުތު އޮތް އެންމެ ވަރުގަދަ ރޮކެޓް ކަމަށްވާ ޖިއޯސިންކްރޯނަސް ސެޓެލައިޓް ލޯންޗް ވިއެކަލް މާކް ތްރީއެވެ. މިއީ ބަރުދަނުގައި 640 ޓަނު ނުވަތަ ފުރާ ބަރާކޮށްފައިވާ ބޮއިންގް 747 ޖަމްބޯޖެޓަކަށްވުރެ 1.5 ގުނަ ބަރު، އަދި 44 މީޓަރު އުސް ނުވަތަ، 14 ބުރީގެ އިމާރާތެއްހާ އުސް ރޮކެޓެކެވެ.
"ޗާންދްރަޔާން-2"ގެ ޖައްވީ އުޅަނދުގެ ބަރުދަނުގައި އެކަނިވެސް 2379 ކިލޯގްރާމް ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
'ޗާންދްރަޔާން-2"އިން ހަނދަށް ކުރާ ދަތުރަކީ، 239000 މޭލުގެ ދިގު ދަތުރެކެވެ. ބިމުގެ ސަތަހައިން އުދުއްސާލުމަށްފަހު "ޗާންދްރަޔާން-2"އަށް ހަނދުގެ ސަތަހައިގައި ޖެއްސޭނީ 54 ދުވަސް ފަހުންނެވެ.
"ޗާންދްރަޔާން-2"ގެ ޓީމަކީ ސައިންސްވެރިންނާ އިންޖިނީރިއަނުންގެ މައްޗަށް އެކުލެވޭ 1000 މެމްބަރުންގެ ވަރުގަދަ ޓީމެކެވެ. މި ދަތުރުގެ މިޝަން ކޮންޓްރޯލްގައި ތިބޭނީ 2 އަންހެނުންކަން އިންޑިއާއިން ފަހްރުވެރިކަމާއެކު ފާހަގަކުރެއެވެ.