ބާ ކައުންސިލްގެ ވޯޓު އަލުން ގުނުމުން ވެސް، ނަތީޖާއަކަށް ބަދަލެއް ނާންނަ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އިއްޔެ ބޭއްވި ބާ ކައުންސިލްގެ އިންތިހާބުން ހޮވި ވަޑައިގެންނެވި ކުރީގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމާއި އަބްދުލްމާނިއު ހުސެއިންގެ ވޯޓުގެ ތަފާތު އެންމެ ވޯޓެއް ކަމުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ އިންތިހާބުގެ ވޯޓު އަލުން ގުނުމުން ވެސް ނަތީޖާއަކަށް ބަދަލެއް ނައެވެ. އެގޮތުން، ކުރިއެކޭ ވެސް އެއްގޮތަށް އަނާރާއަށް 343 ލިބިނުއިރު، މާނިއު އަށް ލިބިފައިވަނީ 342 ވޯޓެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިހާބުގައި މެންބަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ހަ މެންބަރުންގެ ތެރޭގައ އަނާރާ ނައީމާއި ކުރިން ފަނޑިޔާރުކަން ކުރެއްވި އައިޝާ ޝުޖޫން މުހައްމަދު އަދި އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރާއި މުހައްމަދު ފައިސަލް އަދި މުހައްމަދު އަސީލް ހަސަންގެ އިތުރުން ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވެސް ހިމެނި ވަޑައިގަންނަވައެވެ.
މި އިންތިހާބުގައި، އެންމެ ގިނަ ވޯޓު ލިބުނީ މުހައްމަދު ފައިސަލަށެވެ. އެގޮތުން އޭނާއަށް 631 ވޯޓު ލިބިފައިވައިރު، މުއިއްޒަށް ލިބުނީ 627 ވޯޓެވެ. އަދި ސުޖޫންއަށް 445 ވޯޓު ލިބުނުއިރު އަނަސްއަށް 361 ވޯޓު ލިބުނެވެ. މީގެ އިތުރުން އަސީލަށް 356 ވޯޓު އަދި އަނާރާއަށް 343 ވޯޓު ލިބިފައިވެއެވެ. މި އިންތިހާބުގައި 955 ވަކީލުން ވޯޓު ދީފައިވާއިރު، ވޯޓު ދިނުމުގެ ހައްގު ލިބެނީ 1488 ވަކީލުންނަށެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި، ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި ބަންޑާރަ ނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ހަ ބޭފުޅެއްގެ މައްޗަށެވެ. އެގޮތުން ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް މައުމޫން ހަމީދު އިންތިހާބު ވެވަޑައިގެންނެވި އިރު، ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވީ އަބްދުﷲ މުއިއްޒެވެ.