މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ތަހުގީގު މަރުހަލާގައި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނުބާއްވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެމޕީއާރްސީ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ގޮތް އޮޅުންފިލުވުމަށް ފުލުހުންގެ ބައެއް ވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރު ކުރުމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ތަހުގީގު މަރުހަލާގައި ފުލުހުން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނުބާއްވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަކީ އެއްވެސް ފަރުދަކަށް ޓާގެޓްކޮށްގެން ހިންގާ ތަހުގީގެއް ނޫން ކަމަށާއި އެމްއެމްޕީއާރުސީގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ފައިސާގެ މުއާމަލާތް ހިންގި ހުރިހާ އެންމެންގެ ތަހުގީގުތައް ވެސް ހިންގާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ފުލުހުންގެ ބައެއް ވެރިން ކޮމިޓީ އަށް ހާޒިރު ކޮށްފައި / ފޮޓޯ: މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ތަހުގީގު ރިޕޯޓުގައިވާ ގޮތުން 155 ފަރާތަކަށް އެސްއޯއެފުން ވަނީ ލައްކަ އިންނާއި މިލިއަނުން ޑޮލަރު ޖަމާކޮށްފައެވެ. އެގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން، ރިޔާޒު ވިދާޅުވީ، އެއްވެސް މީހަކަށް ނޭނގި، އެ މީހެއްގެ އެކައުންޓަށް ފައިސާއެއް ރައްދުވެފައި އޮވެއްޖެ ނަމަ، އެ ފަރާތަކަށް ފައިސާ ހަވާލު ކުރުމަކީ އެ މީހެއްގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށާއި، ފައިސާ ރައްދު ނުކޮށް ފައިސާ ބޭނުން ކުރުމަކީ ކުށްވެރިވެދާނެ ކަމެއް ކަމަށެވެ.

އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ހިންގި ކުންފުންޏެކެވެ. އެކުންފުނީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާ އަމިއްލަ ކުންފުންޏެއް ކަމަށް ވާ އެސްއޯއެފް ގެ އެކައުންޓަށް ޖަމާ ކޮށްފައި ވާކަން އޭސީސީން މިއަހަރުގެ ފެބްރުއަރީ މަހު އާންމު ކުރި ތަހުގީގުގެ ރިޕޯޓުން ހާމަވެފައި ވެއެވެ. މި ރިޕޯޓްގައި ބުނެފައިވާ ގޮތުން 57 ރަށެއްގެ މައްސަލަ އެ ކޮމިޝަނުން ބަލާފައި ވާއިރު، އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހެއެވެ. ނަމަވެސް، އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެއިން އެންމެ 12.5 މިލިއަން ޑޮލަރެވެ.