ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން 163 ކުއްޖަކަށް ލޯނު ދޫކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ހުޅުވާލި ހުރިހާ ސްލޮޓަކަށް ވެސް މިފަހަރު ލޯނު ދޫކޮށްފައި ވަނީ ފޯމުތައް ފުރުމުގައި ކަނޑައަޅާފައިވާ އުސޫލަށް ފެތޭ، ފުރިހަމަ ފޯމުތަކެއް ހުށަހެޅުމުން ކަމަށެވެ. މިފަހަރު ލޯނަށް އެދި ހުޅުވާލި 163 ޖާގައަށް ލޯނު ހަމަޖެހުނީ ފޯމް ފުރިހަމައަށް ފުރާފައި ވުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިފަހަރު ލޯނަށް އެދެން ފުރުސަތު ހުޅުވާލިއިރު، ފޯމް ފުރިހަމަ ކުރަންވީ ގޮތުގެ މައުލޫމާތު ވަރަށް ގިނަ ފަރާތްތަކާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުގެ ތިން ދުވަސް ކުރިން ހުށަހެޅި ހުރިހާ ފޯމުތަކެއް ބަލައި، މައްސަލައެއް އުޅޭ ނަމަ އެކަން ރަނގަޅު ކުރުވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، މިދިޔަ ފަހަރާއި އެއްގޮތަށް މިއަހަރު ފަހުކޮޅު ލޯނާ ހުޅުވާލާ ފުރުސަތުގައި އިސްކަން ދޭނީ ހަމަ އެއް ދާއިރާތަކަށް ކަމަށެވެ. އެ ދާއިރާތަކަކީ ސައިކޮލޮޖިކަލް އެޑިޔުކޭޝަނާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕެޝަލް އެޑިޔުކޭޝަނާއި ސްޕީޗް ތެރަޕީ އާއި ސްޕޯޓްސް މެނޭޖްމެންޓް އާއި ރިނުއުބަލް ގްރީން އެނާޖީ އާއި ކަލްޗަރަލް އެންޑް ހެރިޓޭޖްގެ ދާއިރާއެވެ.
މީގެ އިތުރުން މިފަހަރު 163 ފަރާތަކަށް ލޯނު ދޫކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ކަނޑައަޅާ 79 ޖާގަ އާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކަނޑައެޅި 84 ޖާގައެވެ. ލޯނު ލިބުނު ފަރާތްތަކުގެ މައުލޫމާތު މިހާރު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
އެގޮތުން، މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުގެ ތެރެއިން ސްޓޫޑަންޓް ލޯން ލިބިފައިވަނީ އެންމެ 79 ފަރާތަކަށެވެ. މިނިސްޓްރީން ބުނީ އެހާ މަދުދަރިވަރުންނަށް ލޯން ނުލިބުނީ ގިނަ އަދަދެއްގެ ދަރިވަރުން އުސޫލާ ހިލާފަށް ފޯމް ފުރުމުން ކަމަށެވެ.