ނޭޕާލްއަށް ކުރަމުންދާ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 40 އަށްވުރެ މައްޗަށް އަރައިފިއެވެ.

ނޭޕާލް ފުލުހުން މައުލުމާތު ދޭ ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 43 އަށް އަރާފައިވާއިރު، ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 24 އަށް އަރާފައެވެ. މީގެ އިތުރުން 20 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށްވެސް ނޭޕާލްގެ ފުލުހުން މައުލޫމާތު ދެއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ނޭޕާލްއަށް ކުރަމުންދާ ގަދަ ވިއްސާރާގައި އެގައުމުގެ ދަތުރުފަތުރުގެ ނިޒާމަށްވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

ނޭޕާލްއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވަނީ ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީއަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.

ނޭޕާލްއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފެންބޮޑުވުމުގެ ހާދިސާތަކާ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާ، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވީ ވާހަކަ އަޑުއެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށާ، މި ހާދިސާތަކުގައި ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަން ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ނޭޕާލްއަށް ކުރިމަތިވެފައިވާ ގައުމީ ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ނޭޕާލްގެ ސަރުކާރާ ރައްޔިތުންނަށް ޙަމްދަރުދީ ފޮނުއްވާކަންވެސް ރައީސްގެ މެސެޖުގައި ވަނީ ބަޔާންކުރައްވާފައެވެ.

ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާ، ގިނަ ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ދިވެހި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ވަނީ ނޭޕާލުގެ ފޮރިން މިނިސްޓަރު، ޕްރަދީޕް ކުމާރް ގިޔަވާލީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. މިހިތާމަވެރި ވަގުތުގައި ނޭޕާލް ރައްޔިތުންނާއި ސަރުކާރާއި ޚާރިޖީ ވަޒީރަށް، އަދި ވަކިން ޚާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރު ޝާހިދު މެސެޖުގައި ވިދާޅުވެފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަންވެސް މިނިސްޓަރު ޝާހިދުގެ މެސެޖުގައި ފާހަގަކުރައްވާފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެއެވެ.

ނޭޕާލްއަކީ ބޭސްވެރިކަމުގެ ރޮނގުން ގިނަ އަދަދަކަށް ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ގޮސް އުޅޭ ގައުމެކެވެ. ނަމަވެސް މި ވިއްސާރާގައި އެއްވެސް ދިވެއްސެއްގެ ފުރާނައަށް ނުރައްކާވެ، ހާލުގައިޖެހިފައިވާކަމުގެ މައުލޫމާތެއް ދިވެހި ހާރިޖިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

ކުރިއަށް އޮތް ދެތިން ދުވަހުވެސް ނޭޕާލްގެ އެކި ހިސާބުތަކަށް ގަދައަށް ވިއްސާރާކުރާނެ ކަމަށް އެގައުމުގެ މުސުން ކުރިއަށް ލަފާ ކުރާ ފަރާތްތަކުން ބުނެއެވެ.