ކެންޑިޑޭޓަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ބާކައުންސިލްގެ ވޯޓު އަލުން ގުނަން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ބާ ކައުންސިލްގެ އިންތިހާބުން ހޮވި ވަޑައިގެންނެވި ކުރީގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމާއި އަބްދުލް މާނިއުގެ ވޯޓުގެ ތަފާތު އެންމެ ވޯޓެއް ކަމުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ވޯޓު އަލުން ގުނަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އެގޮތުން، އަނާރާއަށް 343 ލިބިފައިވާއިރު، މާނިއު އަށް ލިބިފައިވަނީ 342 ވޯޓެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިހާބުގައި މެންބަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ހަ މެންބަރުންގެ ތެރޭގައި ކުރީގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމާއި ކުރިން ފަނޑިޔާރުކަން ކުރެއްވި އައިޝާ ޝުޖޫން މުހައްމަދު ހިމެނި ވަޑައިގަންނަވައެވެ. އަދި އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރާއި މުހައްމަދު ފައިސަލް އަދި މުހައްމަދު އަސީލް ހަސަންގެ އިތުރުން ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވެސް ހިމެނި ވަޑައިގަންނަވައެވެ.
މި އިންތިހާބުގައި، އެންމެ ގިނަ ވޯޓު ލިބުނީ މުހައްމަދު ފައިސަލަށެވެ. އެގޮތުން އޭނާއަށް 631 ވޯޓު ލިބިފައިވައިރު، މުއިއްޒަށް ލިބުނީ 627 ވޯޓެވެ. އަދި ސުޖޫންއަށް 445 ވޯޓު ލިބުނުއިރު އަނަސްއަށް 361 ވޯޓު ލިބުނެވެ. މީގެ އިތުރުން އަސީލަށް 356 ވޯޓު ލިބިފައިވެއެވެ. މި އިންތިހާބުގައި 955 ވަކީލުން ވޯޓު ދީފައިވާއިރު، ވޯޓު ދިނުމުގެ ހައްގު ލިބެނީ 1488 ވަކީލުންނަށެވެ.
ބާ ކައުންސިލް މެންބަރު ކަމަށް ކުރިމަތިލައިފައިވާ 19 ބޭފުޅުންނަކީ، އަލީ ނަސީރު ގާސިމް، އަނާރާ ނައީމް، އާމިނަތު އަރީޖު ހުސައިން، ޝަބާން ރަޝީދު، އަހުމަދު މުއިއްޒު، މުހައްމަދު ޝަފާޒު ވަޖީހު، ޑރ. މުހައްމަދު އިބްރާހިމް، ޒުބައިދު އަހުމަދު މަނިކު، މުހައްމަދު ފައިސަލް، އަބްދުއްސަލާމް އަރީފު، އަނަސް އަބްދުއްސައްތާރު، މުހައްމަދު ވަޖީހު ނަޖީބު، ސަފާ ޝަރީފު، އަބްދުލް މާނިއު، މުހައްމަދު ފަރީދު، ޒިމްނާ އަބްދުލް މުހުސިން، އައިޝާ ސުޖޫން ގެ އިތުރުން މުހައްމަދު އަސީލް އަދި އަލީ ޝާހު އެވެ.
ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އާއި، ވަކީލު މައުމޫން ހަމީދެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމެވެ. އިންތިހާބު ކާމިޔާބު ކުރައްވައި ފުރަތަމަ ބާ ކައުންސިލްގެ އެކްސްކޯގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ މައުމޫން ހަމީދެވެ. އަދި ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވީ އަބްދުﷲ މުއިއްޒެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި، ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި ބަންޑާރަ ނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ހަ ބޭފުޅެއްގެ މައްޗަށެވެ.