"ކިޑްނީއަކީ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ގުނަވަނެއް" ކަމަށް ވިދާޅުވުމާއެކު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.

އެމެރިކާ ރައްޔިތުންގެ ކިޑްނީގެ ސިއްހަތާ ގުޅުންހުރި ސިޔާސަތުތަކެއް އެކުލަވާލެއްވުމަށް ރިޔާސީ ގަރާރުތަކެއް އެކުލަވާލެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކިޑްނީގެ ބަލިތަކާ ގުޅިގެން އެތައް އާއިލާއަކުން އެ އާއިލާގެ މެމްބަރުން ދުނިޔޭގައި ބޭއްތިއްބުމަށް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށާ، "ކިޑްނީއަކީ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ގުނަވަނެއް" ކަމަށެވެ.

މިއީ ސީދާ ބަހުން ބަހަށް ކުރެވޭ ލަފުޒީ މާނައެއްގައި ޓްރަމްޕް ވިދާޅުވި ބަސްފުޅެއް ނޫންނަމަވެސް، ގިނަ ބަޔަކަށް މިކަންވީ މަޖާ ކަމަކަށެވެ.

ޓްރަމްޕްއަށް ޓްރޯލް ކުރަމުންދާ ބައެއް މީހުން ދަނީ ބަޔޮލޮޖީ ފިލާވަޅުތައްވެސް ޓްރަމްޕަށް ނަގާ ދެމުންނެވެ. މީގެ ތެރޭގައި ޑޮކްޓަރުންވެސް ހިމެނެއެވެ. އާންމު އުސޫލުން ޓްރަމްޕްގެ ވާހަކަފުޅުތަކަށް ސޯޝަލް މީޑިއާގައި ޓްރޯލްކުރާ ބީދައިން މިފަހަރުވެސް، ސޯޝަލް މީޑިއާ ގުގުމާލީއެވެ.