ރަހުމް ކުޑަގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ބުލޮގަރު ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރި ނުވާ މީހުންނަށް ކޮށްފައިވާ މަރުގެ ދައުވާ ބާތިލް ކޮށްދިނުމަށް ކުރިމިނަލް ކޯޓުގައި އެދެފިއެވެ.

މިގޮތަށް ކޯޓުގައި އެދިފައިވަނީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ މީހުނަށް ވެސް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވާތީއެވެ.

ޔާމީން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ؛

ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު

މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލް

ގދ. ގައްދޫ ސިންދުބާދުގެ، މުހައްމަދު ދިފްރާނާއި

މ. ކުދެހިގެ، ހަސަން ޝިފާޒް

މ. ތާއިފް، އިސްމާއިލް ރަޝީދު

އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދަށެވެ.

މި މީހުންގެ ތެރެއިން އިސްމާއިލް ރަޝީދުގެ ވަކީލު، މައުމޫން ހަމީދު ވިދާޅުވީ އޭނާގެ މުވައްކިލުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވާއިރު ދައުލަތުން ހުށަހެޅި ދައުވާގައި އިސްމާއިލް ރަޝީދު މީހަކު މެރުމަށް ކޮށްފައިވާ އެއްވެސް ކަމެއް ބުނެފައި ނުވާ ކަމަށެވެ. އަދި ހަމައެކަނި އިސްމާއިލް ރަޝީދު ކުރި ކަމަކަށް ބުނެފައިވަނީ ސައިކަލުގައި މީހަކު އުފުލުން ކަމަށް މައުމޫން ހަމީދު ފާހަގަ ކުރެއްވިއެވެ.

މި ނުކުތާއަށް ރިއާޔަތްކޮށް މައުމޫން ހަމީދު ވިދާޅުވީ މީހަކަށް ހަމަލާދީ މަރާލުގައި އަމަލީ ގޮތުން ބައިވެރި ނުވާ މީހަކަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި މަރުގެ ދައުވާ އުފުލާފައިވާ ހުސައިން ޒިޔާދުގެ ވަކީލު އަބްދުﷲ ޝާއިރު ވެސް ވިދާޅުވީ އޭނާގެ މުވައްކިލު، ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރި ނުވާ ކަމަށް ދައުލަތުން ބުނެފައިވާ އިރު، ޒިޔާރު ކުރީ މަޝްވަރާ ކަމަށް ދައުވާގެ ހުލާސާއިން އެނގޭ ކަމަށެވެ.

މި މައްސަލައިގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ފާޒީ އަލީ ރަޝީދު އެއްޗެއް ވިދާޅުވެފައެެއް ނުވެއެވެ. އަދި މިއަދުގެ އަޑުއެހުމަކީ ދައުލަތުން ހުށަހެޅި 34 ހެކިންގެ ތެރެއިން ޔާމީން ރަޝީދު މަރާލާފައި އޮތްތަނަށް ދިޔަ ހަތަރު ފުލުހުންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަކީ ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެއް ނަމަވެސް ހެކިބަސް ނެގުމަށް މިއަދު ތާވަލް ކުރިކަމެއް ކުރިން އެނގިފައި ނެތްކަމަށް ދިފާއީ ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެހެން ދުވަހަކަށް ހެކިބަސް ނެގުމަށް ތާވަލުކޮށްދިނުމަށް ދިފާއީ ވަކީލުން އެދިވަޑައިގަތުމުން މިއަދު ހެކިބަސް ނުނަގައި އަންނަ ހޯމަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މިއަދު ހަތަރު ފުލުހެއްގެ ހެކިބަސް ނަގަން ހަމަޖެހިފައިވީ ނަމަވެސް، އަޑުއެހުމަށް ހާޒިރުވީ ދެ ފުލުހެކެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ އަށް އަޑުއެހުމެއް ބާއްވާނެ ތާރީޚު އިއުލާނު ކުރައްވާފައެވެ. އަދި ތާވަލާ އެއްގޮތަށް އަޑުއެހުންތައް ކުރިއަށް ނުދެވިއްޖެ ނަމަ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހުކުމް ކުރައްވާނެ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.