ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ކައުންޓާ ޓެރަރިޒަމް ކޯޑިނޭޓަރު ޖީލް ދެ ކިއެޚްކަވް، ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޖުލައި 11 އިން 16 ގެ ނިޔަލަށް ޖީލް ދެ ކިއެޚްކަވް ކުރައްވާ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަތުރުފުޅުގެ މަގުސަދަކީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ދެގައުމުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމުގެ އިތުރުން، ތަޖުރިބާ ހިއްސާކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގު ތަނަވަސްކުރުން ކަމަށް ޚަބަރު ލިބެއެވެ.

ވިލާތުގެ އިއްތިހާދުގެ ކައުންޓާ ޓެރަރިޒަމް ކޯޑިނޭޓަރު ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވަޒީރުން ފެންވަރުގެ އިސްވެރިންނާ، ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާވެސް ވިލާތުގެ އޮފިޝަލު ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ވިލާތުގެ އިއްތިހާދުގެ ކައުންޓާ ޓެރަރިޒަމް ކޯޑިނޭޓަރު ކަމުގެ މަގާމަށް ޖީލް ދެ ކިއެޚްކަވް އިސްކުރެވުނީ 2007 ވަނަ އަހަރުއެވެ.