ގެދޮރުވެރިޔާ ފްލެޓުތަކުގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތައް ހުލުވާލައިފިކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ދައުރު ކުރަމުންދާ ކަމަށެވެ.
އަދި އެ ފޯމް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނާ އެ މެސެޖު ފޮނުވަމުންދަނީ ލިންކަކާ އެކު އެވެ. އެ ލިންކަށް ފިތައިފި ނަމަ ފޯނު ހެކްވެ އެވެ. އެހެންކަމުން އެފަދަ މެސެޖެއް ލިބުނު ނަމަވެސް އެ ލިންކަށް ނުފިތުމަށް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ.
މިފަދަ ސްކޭމް މެސެޖުތަކުގެ އިތުރުން ބީއެމްއެލްގެ ނަމުގައާއި އެހެން ކޯޕަރޭޝަންތަކުގެ ނަމުގައި ވެސް ސައްހަ ނޫން މެސެޖުތައް ދޭތެރެދޭތެރެއިން ދަނީ ދައުރުކުރަމުންނެވެ.
މީގެ އިތުރުން ވެސް ރާއްޖޭގައި މިހާރަކަށް އައިސް ސްކޭމް ކޯލްތައް ގިނަވެ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެކި ނަންނަމުގައި މީހުން ގުޅާ، ބީއެމްއެލް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދާ، ފައިސާ ފޭރެމުންދާތީ އެކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.
އަދި ހަމަ އެހެންމެ ސްކޭމްގެ ސަބަބުން އެކި މީސް މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގަމުންދާ މައްސަލަތައް ބެލުމަށް ފުލުހުން ދަނީ ސްކޭމް ސެންޓަރެއް ގާއިމްކޮށް އާންމުންނަށް އެ ހިދުމަތް ފޯރުކޮށްދެމުންނެވެ.