ރާއްޖޭގައި ކެސީނޯ އެޅުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިންކާރު ކުރެއްވުމުން ކާށިިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ހޫނު ބަހުގެ ހަމަލާ އޭނާއަށް އަމާޒުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ޓުއަރިޒަމް މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރުމުގެ ތެރެއިން ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ރާއްޖޭއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި މިއަދުގެ ސަރުކާރުން ރާއްޖޭގައި ކެސީނޯ ނާޅާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އޭނާގެ ލީޑާޝިޕްގައި ކެސިނޯ އެޅުމަށް ހުއްދަ ދިނުމަކަށް ވިސްނަވާފައި ނެތް ކަމަށާއި، ރާއްޖޭގެ ފަތުވެރިކަން ކުރިއަށް ގެންދާނީ އިސްލާމް ދީނުގެ ހުރިހާ ރުކުންތަކާއި ސިފަތައް ހިމާޔަތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކަނީ މިވަގުތު ގާނޫނުގެ ތެރެއިން ފަތުރުވެރިކަން ކުރިއެރުވުމަށް އެކަމަށް ފުރުސަތު އޮތީމައި ކަމަށެވެ.

މިނިސްޓަރު މިމޭރުމުން ވާހަކަ ދެއްކެވުމުން ޖާބިރު ވަނީ އެކަމާ ކޯފާ އިސްކުރައްވައި މިނިސްޓަރަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރައްވައި، ގޮނޑިން ތެދުވެވަޑައިގެން ނުރުހުން ފާޅުކުރައްވަމުން ވަރަށް ބޮޑަށް އަޑުގަދަ ކުރެއްވުމަށް ފަހު، ކޮމިޓީ ދޫކުރައްވައި ވަޑައިގެންފައެވެ.

މީގެ އިތުރުން، މިނިސްޓަރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތާއި ދިވެހި ސަގާފަތާއި އާދަކާދަތައް ކޮމްޕްރޮމައިސް ވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. ރާއްޖޭގައި ބަނގުރާ ވިއްކާ ކަމަށް ވިދާޅުވެ ޖާބިރު އޭނާއަށް އަމާޒު ކުރެއްވި ތުހުމަތުތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ އޭނާ ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ އާންމު ނުކުރައްވާނެ ކަމަށެވެ. އަދި މަގާމުގައި ހުންނަވައިގެން މާތްވެގެންވާ އިސްލާމްދީނުގެ ރުކުންތައް ފުނޑުފުނޑުވެގެން ދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީގައި ޖާބިރު ވަނީ އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާ މެމްބަރު، އިލްޔާސް ލަބީބަށް އަދި މިނިސްޓަރު އަލީ ވަހީދަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވުމަށް ފަހު ކޮމިޓީން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފައެވެ. މީގެ އިތުރުން އޭނާ ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އަޑުގަދަ ކުރެއްވުމުގެ ސަބަބުން ނަން އިއްވުމަށްފަހު ނެރެފައެވެ. މިއީ 19 ވަނަ މަޖިލީހުގައި ނަން އިއްވާ ނެރުނު ފުރަތަމަ މެންބަރެވެ.