ހިތްހަމަޖެހިވަޑައިނުގެން، ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފިއެވެ.
ޖާބިރު ވިދާޅުވީ، އޭނާ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން އިސްތިއުފާ ދެއްވީ އެއީ ރަނގަޅު މަސަކަތެއް ނުކުރެވޭ އަދި މުހިންމު ކޮމިޓީއަކަށް ނުވާތީ ކަމަށާއި، ސަރުކާރުގެ 31 ކުންފުނި ގެނެސްގެން އެ ކޮމިޓީން ކުރަނީ ބޭކާރު މަސައްކަތެއް ކަމަށެވެ. އަދި އެކަމަށް ތާއީދު ނުކުރުއްވާ ކަމަށާއި ކޮމިޓީން ކުޅުއްވަނީ ޑްރާމާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު މިފަދައިން ވިދާޅުވީ، އެހެން މީޑިއާ އަކަށް ދެއްވި އިންޓަވިއު އެއްގައެވެ.
މިއަދު ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީގައި ޖާބިރު ވަނީ އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާ މެމްބަރު، އިލްޔާސް ލަބީބަށްވެސް ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. މި ބަހުގެ ހަމަލާތައް ރައްދު ކުރެއްވުމަށް ފަހު ޖާބިރު ވަނީ، ކޮމިޓީން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފައެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އަޑުގަދަ ކުރެއްވުމުގެ ސަބަބުން މަޖިލީހުގައި ފުރަތަމަ ފަހަރަށް ރިޔާސަތުން ޖާބިރުގެ ނަން އިއްވުމަށްފަހު އޭނާ ވަނީ މަޖިލީހުގެ ތަޅުމުން ނެރެފައެވެ. ޖާބިރު ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާ މަޖިލީހުގެ ރައީސްއަށް ތުހުމަތުތަކެއް ކުރައްވާފައެވެ. ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ "މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ފަހުގައި ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވީތޯ" ސުވާލު ކުރައްވާފައެވެ.