ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އަޑުގަދަ ކުރެއްވުމުގެ ސަބަބުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

ޖާބިރު ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާ މަޖިލީހުގެ ރައީސްއަށް ތުހުމަތުތަކެއް ކުރައްވާފައެވެ. ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ "މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ފަހުގައި ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވީތޯ" ސުވާލު ކުރައްވާފައެވެ.

ނަޝީދު ވަނީ އެއީ ނިޒާމާބެހޭ މައްސަލައެއް ނޫންކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވާފައެވެ. އަދި ޖާބިރު ވަނީ ކޯފާވެ އަޑުގަދަ ކުރައްވާފައެވެ. ޖާބިރު ގެންދެވީ މައިކް ކަނޑާލުމުން ވެސް އޭނާ ކުރެއްވި ސުވާލު ކުރައްވާ އަޑުގަދަ ކުރައްވަމުންނެވެ. ޖާބިރު ކޯފާވެ އަޑުގަދަކުރައްވަން ފެށްޓެވުމުން ނަޝީދު ވަނީ ހަރުކަށި ގޮތަކަށް އިށީނދެވަޑައި ގަތުމަށް ޖާބިރަށް ދަންނަވާފައެވެ.

ޖާބިރު ކޯފާވެ އަޑުގަދަ ކުރުމުގެ ސަބަބުން ނަޝީދު ވަނީ ޖާބިރަށް ނަސޭހަތްތެރިވެ ވަޑައިގެން، ނަސޭހަތް ގަބޫލު ނުކުރެއްވުމުން ޖާބިރު ނަން އިއްވާ މަޖިލިސް ތަޅުމުން ނުކުމެވަޑައި ގަތުމަށް އަންގާފައެވެ. އަދި ޖާބިރު ވަނީ ސުލްހަވެރި ކަމާއެކު މަޖިލީހުގެ ޖަލްސާ ދޫކުރައްވާ ނުކުމެވަޑައިގެންފައެވެ. ނަމަވެސް ނުކުންނަވަން ދިޔަ އިރު ޖާބިރު ވަނީ އިދާރީ މޭޒު ހުންނަ ދިމާލަށް ވަޑައިގެންވެސް އަޑުގަދަ ކުރައްވާފައެވެ.

މިއީ 19 ވަނަ މަޖިލީހުގައި ފުރަތަމަ ފަހަރަށް މެންބަރެއްގެ ނަން އިއްވާ ތަޅުމުން ނެރުނު ފަހަރެވެ.