1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މޯލްޑިވްސް ކަރެކްޝަން ސާވިސް އާ ހަވާލުކޮށް މިހާރު މާލެ ޖަލަށްލައިފައި ވާކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ކަރެކްޝަނާ ހަވާލުކޮށްފައި ވަނީ ރޭ 11 ޖެހި އިރު ކަމަށެވެ. އަދި އޭނާ 2010 ވަނަ އަހަރުގެ 16 ވަނަ ދުވަހު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިފައިވާ މައްސަލަ ބަލަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ލުތުފީ ރާއްޖެ ގެނެސްފައިވަނީ ރޭ 9:10 ހާއިރު ލަންކާއިން ރާއްޖެ އައި އީކޭ ފްލައިޓެއްގައެވެ.

އޭނާ އަކީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ އާ ގުޅިގެން އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ހުރި މީހެކެވެ. އޭނާ ލަންކާއަށް ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގައި ބޭސް ފަރުވާއަށެވެ.

އޭނާ ލަންކާގައި އުޅޭތާ 9 އަހަރު ފަހުން މިއަހަރުގެ މޭ މަހުގެ ތެރޭގައި އޭނާ ވަނީ ލަންކާގައި ހުންނަ ރާއްޖޭ އެމްބަސީއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށައިފައެވެ. އެހެން ނަމަވެސް އެ ވާހަކަ ސަރުކާރުން ހާމަނުކޮށް ސިއްރުކޮށްފައި ބޭއްވުމަށް ފަހު އެކަން މިދިޔަ މަހުގެ ފަހުކޮޅުގައި ވަނީ އިއުލާނުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލުތުފީ ލަންކާގައި އުޅުނީ ނަން ބަދަލު ކޮށް ޒާން ގެ ނަމުގައެވެ. އަދި އެގައުމުގައި އުޅުނު ދިވެއްސަކާ ކައިވެނިކޮށްފައި ވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ލުތުފީ ރާއްޖެ ގެނައި އިރު އަދިވެސް އޭނާގެ ހުކުމުގައި ބާކީ 4 އަހަރާ ދުވަސްކޮޅެއް އެބަ އޮތެވެ.