ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ސިޔާސީ ނުވުމަށް ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ގޮވާލައްވައިފިއެވެ.

ސަލްމާން ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި ސައުދީގެ ވަޒީރުންގެ މަޖިލީހުން ވަނީ، މުޤައްދަސް ބިނާތަކާ ތަންތަނާ ގުޅިފައިވާ ސިއްރުތަކާ، ރޫޙާނިއްޔަތަށް އިހުތިރާމް ކުރުމަށް ޙައްޖުވެރިންނަށް ގޮވާލައްވާފައެވެ.

ސައުދީގެ ވަޒީރުންގެ މަޖިލޚީހުން މިފަދަ ރޫހެއްގައި ވާހަކަ ދައްކަވާފައި މިވަނީ، މިއަހަރުގެ ޙައްޖުގެ އަޅުމަކާ ދިމާކޮށް އީރާނުގެ ޙައްޖުވެރިން ސިޔާސީ މުޒާހަރާއެއްކޮށްފާނެ ކަމުގެ އިޝާރާތެއް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ހާމަނާއީ ވިދާޅުވެފައިވާ ގޮތުގައި، ޙައްޖު ސިޔާސީ ނުކުރުމަށް ސައުދީއިން ގޮވާލާ ގޮވާލުމަކީ އެގައުމަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އަދި ޙައްޖުގެ އަޅުކަމާ ދިމާކޮށް ސައުދީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ އާދަޔާ ހިލާފަށް ހަރުކަށިކޮށް ކަމަށްވެސް ހާމަނާއީ ވަނީ ވިދާޅުވެފައެވެ.

ކަންމިހެންއޮތް ނަމަވެސް، ސައުދީއިން ވަނީ އީރާނަށް ދޫކޮށްފައިވާ ޙައްޖު ކޯޓާގެ އަދަދު އިތުރުކޮށްފައެވެ. މުރާސިލުން ސިފަކުރާ ގޮތުގައި މިއަހަރުގެ ޙައްޖު މޫސުމާ ދިމާކޮށް އީރާނުގެ 90000 އެއްހާ ޙައްޖުވެރިން، ސައުދީގައި މުޒާހަރާ ކުރުން އެކަށީގެންވެއެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާއާއި ބެހޭ ވަޒީރު ތުރުކީ އަލް ޝަބާނާ ވިދާޅުވީ ޙައްޖުވެރިންނަށް އުނދަގޫ ވާފަދަ ޝުއޫރުތަކާ ޝިއާރުތައް ފާޅުކުރުމަށް ހަރަކާތްތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާ، އެފަދަ ކަންކަން ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަޅާނެ ކަމަށެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ނިތްގަނެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މުސްލިމުންނެއް މިހާރުވެސް ވަނީ ސައުދީއަށް އެތެރެވެފައެވެ. ސައުދީ އަރަބިއްޔާއިންދަނީ ޙައްޖުވެރިންގެ ސަލާމަތްތެރިކަމާ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.