ވަހުޝީ ލަވަތައް ކިޔުމާ، ނިވާކަން ކުޑަ ހެދުން ލާ އުޅުމަށް މަޝްހޫރު އަންހެން ރެޕާ ނިކީ މިނާޖު، ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިނުމަށް ހަމަޖެއްސި ޝޯ ކެންސަލްކޮށްފިއެވެ.

ނިކީ މިނާކު ބުނާ ގޮތުގައި އޭނާ މި ޝޯ ކެންސަލްކޮށްފައިވަނީ އަންހެނުންގެ ހައްގުތަކަށް އޭނާ ކުރާ އިހުތިރާމެއްގެ ބޮޑު ކަމުންނެވެ. ނަމަވެސް ސައުދީގައި ނިކީ މިނާޖުގެ ހުށަހެޅުމެއް ފެނިގެންދާނެ ކަމަށް އިއުލާންކުރެވުމާއެކު ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށްވެސް އަޑުއުފުލާފައެވެ. އެހެންކަމުން ނިކީ މިނާކު ޝޯ ކެންސަލްކުރި އަސްލު ސަބަބެއް ކަށަވަރުކޮށް ބުނާކަށް ނޭނގެއެވެ.

"ޖިއްދާ ވާލްޑް ފެސްޓް"ގައި ލަވަ ހުށަހަޅާ ދިނުމަށް ކުރިންވެފައިވާ އެއްބަސްވުން ބާތިލުކޮށް، އާންމުކުރި ބަޔާނެއްގައި ނިކީ މިނާޖު ބުނީ އޭނާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވެސް ތާއީދުކުރާ މީހެއް ކަމަށާ، ސައުދީގެ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އޭނާ ވަކާލާތު ކުރާ ކަންކަން އިސްކުރުން މާ މުހިންމުކަމަށެވެ.

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ތަސައްވުރުގެ ދަށުން ސައުދީ އަރަބިއްޔާ ތަރައްގީކުރުމަށް ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ގިނަ ބަޔަކަށް ސިހުން ގެނުވި ގިނަ ހަރަކާތްތަކެއް މި ފަހަކަށް އައިސް އެގައުމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.