ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ ޖަމާކުރި ތަނެއް ކުންފުނީގެ އެމްޑީއަށާ އެހެން ބައެއް ޝެއާ ހޯލްޑަރުންނަށް އެނގިވަޑައި ނުގަންނަވާކަން ހާމަ ވެއްޖެއެވެ.

ޑަބްލިއުއެލްޓީގެ ފައިސާ ދެއްކި ކަމަށް ސަރުކާރުން ބުނުމުން، 'ދަޕްރެސް' އިން އެ ކުންފުނީގެ އެއް ފައުންޑަރު އަދި އެމްޑީ އަހުމަދު ޝަރީފު އާ ގުޅުމުން ވިދާޅުވީ ސްޕްރީމް ކޯޓުން ކޮށްފައި އޮތް ހުކުމް އޮއްވާ، ކުންފުނީގެ އެއް ހިއްސާދާރުގެ ޕޭމަންޓުތަކެއް ސެޓަލް ކުރުމަށް ފަހު ބާކީ ޑަބްލިއުއެލްޓީގެ އެކައުންޓަށް ޖަމާ ކުރި ވާހަކަ ފެނިވަޑައި ގަތީ ނޫސްތަކުން ކަމަށެވެ.

"ދެނަ ހުރި ތާނގަ މިހިރީ، އެބުނާ ފައިސާއެއް ޑަބްލިއުއެލްޓީގެ އެކައުންޓަކަށް ނުވަދޭ، ފެނުނީ ނޫސްތަކުގައި އޮއްވާ ފައިސާ ދައްކައިފީ މޯ" ފައިސާ ޖަމާ ކުރި ތަނަކާ ޖަމާވި އެކައުންޓަކާ މެދު ސުވާލު އުފައްދަވަމުން ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމުގެ މައްޗަށް ރިއާޔަތް ކޮށް ސެޓަލްމަންޓެއް ހެދިޔަސް އެކަން ކުންފުނީގެ އެމްޑީއާއި ހުރިހާ ޝެއާ ހޯލްޑަރުންނަށް އެނގެން ޖެހޭނެ ކަމަށެވެ. ސަރުކާރުން އެކަން ކުރީ އެންމެ ޒިންމާދާރު ކޮށް ނޫންކަމަށް ވިދާޅުވެ ޝަރީފު ވަނީ އެކަން އެގޮތަށް ކުރީ ޑަބްލިއުއެއްޓީގެ އެއް ހިއްސާދާރު، ގާސިމު އިބްރާހިމަކީ ކޯލިޝަން ޕާޓުނަރަކަށް ވާތީތޯ ސުވާލު އުފައްދަވާފައެވެ.

"ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ސެޓަލް ކުރާ ގޮތަކަށް ނޫން. ނަމަވެސް، ޑަބްލިއުއެލްޓީ އަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ އިން ވިލާ ކުންފުނީގެ ޓެކްސް ބިލްތަކަށްވާ ފައިސާ ކަނޑާފައި ވާކަމަށް އަޑު އިވެނީ" ދައުލަތުން ދެއްކި ކަމަށް ބުނާ ފައިސާގެ އަދަދަށް އިޝާރާތް ކުރައްވާ ޝަރީފު ވިދާޅުވިއެވެ.

ދައުލަތުގެ ބަންޑާރަ ނައިބު އޮފީހުން ބުނީ އެ ފައިސާ ދައްކާ ހަލާސް ކޮށްފި ކަމަށާ އެކަން އެ ކުންފުނީގެ މޭޖާ ޝެއާ ހޯލްޑަރުންނަށް އެނގޭނެ ކަމަށެވެ.

"ފައިސާ ޖަމާ ކޮށްދީފައި ވީ، އެ ކުންފުނީގެ މޭޖާ ޝެއާ ހޯލްޑަރުން ކައިރީ އައްސަވާ" އެޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވިއެވެ.

ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސް ވުމަށް ފަހު، އެ ރަށްތައް ނުދިނުމުންނެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ. ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސް ވުމަށް ފަހު، އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ޑަބްލިއުއެލްޓީއަށް ބަދަލުގެ ގޮތުގައި 13 މިލިއަން ޑޮލަރު ދިނުމަށް ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ހުކުމް ކޮށްފައެވެ.

ގެއްލުމާއި ބަދަލުގެ ގޮތުގައި ދައުލަތުން ޑަބްލިއުއެލްޓީ އަށް ޖުމްލަ 29.9 މިލިއަން ޑޮލަރު ދެއްކުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، ކޯޓުން ބޭރުގައި ސެޓަލްމަންޓެއް ހެދުމަށް މަޝްވަރާ ކުރައްވާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވިއެވެ. އަދި އެގޮތުން ކޯޓުން ބޭރުގައި ހެދި ސެޓަލްމަންޓުގައި އެ ކުންފުންޏަށް 130 މިލިއަން ރުފިޔާ އިއްޔެ ޖަމާ ކުރި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.