މިމަހުގެ 5 ވަނަ ދުވަހު މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރަމުން ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގެއަކަށް ވަދެ ދެމީހަކަށް އަނިޔާ ކުރި މައްސަލައިގައި ހިމެނޭ 7 ފުލުހުން ވަޒީފާއިން ސަސްޕެންޑު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށް މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފުލުހުންގެ 7 މީހަކުވެގެން އަނިޔާކޮށްފައި ވަނީ ބަންގްލަދޭޝްގެ 36 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. ފުލުހުންގެ ބުނީ އެފަދަ ކަންކަމަކީ ފުލުހުންގެ "ކޯޑް އޮފް އެތިކްސް" އަދި "ކޯޑް އޮފް ކޮންޑަންޓް" އަށް ނުފެތޭ ކަމެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުށަހަޅުއްވާއިފައި ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން ހަމީދު ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް ގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެ މައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅުއްވާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން މި މައްސަލައަކީ ޖިނާއީ މައްސަލއެއްގެ ގޮތުގައި ބެލުމަށް ފުލުހުންގެ ތެރެއިން ޓީމެއް ހަމަޖައްސައިފައި ވާކަމަށް ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.
މި މައްސަލައާ ގުޅިގެން 28 އަހަރުގެ އިތުރު ފިރިހެނަކުވެސް ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކޮޓަރިއެއްގެ ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ބަލައި ފާސް ކުރުމުގެ ތެރޭގައި އެގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 461 ގްރާމް ތަކެތި ފެނިފައި ވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މިހާރު އަނިޔާ ލިބުނު ދެމީހުނަށް ފަރުވާ ދީފައި ވާކަމަށެވެ. އަދި އެއިން އެއްވެސް މީހަަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން މިކަމުގައި ހަރަކާތްތެރިވި ފުލުހުން ކަމަށް ސޯޝަލް މީޑިއާގައި ފުލުހުން ތަކެއްގެ ފޮޓޯ ދައުރުވަމުން ދާކަމަށާއި، އެމީހުންނަށް އިންޒާރުދެމުން ދާކަމަށް ފުލުހުން ބުނެއެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން ދާކަމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް ވެސް ހުއްޓާ ނުލައި ކުރަމުން ދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.