ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި 40 ޕަސެންޓު، އަންހެނުން ތިބުން ރަނގަޅު ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދާ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ވަކި ޕަސެންޓެއް އަންހެން ފަނޑިޔާރުންނަށް ހަމަޖައްސައި އަންހެން ފަނޑިޔާރުންނަށް ސްލޮޓް ދޭން ޖެހޭ ކަމަށެވެ. އެގޮތުން، ބިލު ފާސްވެގެން އަންނަ އިރު، ސުޕްރީމު ކޯޓުގެ ބެންޗުގެ 30 ނުވަތަ 40 ޕަސެންޓު އަންހެން ބޭފުޅުންނަށް ހަމަޖައްސަން ފެންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ފަނޑިޔާރުގޭގައި މުޅިން ފިރިހެން ބޭފުޅުން ތިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، ސީދާ އަންހެން ބޭފުޅުންނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ސުޕްރީމް ކޯޓުން ނިންމާއިރު، ބެންޗުގައި އަންހެން ފަނޑިޔާރަކު ނެތުމުން އަންހެނުންނަށް ނިކަމެތިކަން އިހްސާސް ވާނެ ކަމަށެވެ. އަދި މި ބިލު ކޮމެޓީއަކަށް ގޮސްގެން ކޮމެޓީ މަރުހަލާގައި ވާހަކަ ދެކެވޭ އިރު އަންހެން ބޭފުޅުންނަށް ސްލޮޓް ތަކެއް ގާއިމުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
މަޖިލީހުގައި އަންހެން މެނަބަރުން މަދުކަން ފާހަގަ ކުރައްވަމުން ޖާބިރު ވިދާޅުވީ، ކޮންމެ މަޖިލީހެއްގައި މިހާ ގިން ފިރިހެން މެންބަރުން ތިބެން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އަންހެން މެންބަރުން މަޖިލީހުގައި މަދުވުމަކީ ބޮޑު އަޖައިބެއް ކަމަށް ޖާބިރު ސިފަކުރެއްވިއެވެ.
މީގެ އިތުރުން ޖާބިރު ވަނީ ރާއްޖޭގައި އަންހެނުންނަށް ވަޒީފާ ލިބުމުގައި ގިނަ ދަތިތަކެއް ހުރިކަމަށާއި، ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ރަނގަޅަށް ސާފުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ ކޮރަޕްޝަންގެ އަމަލުތަކާ ވެސް އެންމެ ދުރު ބަޔަކީ އަންހެނުންކަން އެކި ދިރާސާތަކުން ސާބިތުވެފައިވާ ކަމަށާއި، ރާއްޖޭގައި އަންހެނުންނަކީ އެއްވެސް ތަނެއްގައި ލައްވާ ނުލާ ބަޔަކަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ބަހުސް ކުރެއްވި މި ބިލަކީ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. މި ބިލަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ހުށަހަޅުއްވާފައެވެ.