އުމުރުން އެންމެ 20 އަހަރުގެ މުޙައްމަދު ފުރުގާން ދިރިހުއްޓާ ވަޅުނުލެވި ސަލާމަތްވީ ހަމަ ކިރިޔާއެވެ. މިކަމެއް ހިނގާ ދިޔައީ އިންޑިއާގެ ލަކްނޯގެ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. އެއީ ޖޫން 21 ވަނަ ދުވަހު ހިނގި އެކްސިޑެންޓަކަށްފަހު ފުރުގާން ގެންދެވުނު ހޮސްޕިޓަލެވެ. އޭނާ އޮތީ ވަރަށް ނާޒުކު ހާލެއްގައެވެ.

މި ގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، ހުސްވި ހަފުތާއާ ޖެހުނު އިރު ފުރުގާންގެ އާއިލާއިން ފައިސާ ހުސްވެއްޖެއެވެ. އަދި އެކަން ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް އެންގިއެވެ. އެހިސާބުން ލިބުނީ ހަމަ އެންމެ ޖަވާބެކެވެ. އެއީ ފުރުގާން މަރުވެއްޖެ ކަމުގެ ޚަބަރެވެ.

އާއިލާއަށް ލިބުނު ހިތްދަތި ކަމާއެކު، އަތުގައި ހުރި ފައިސާ އަކުން ހޮސްޕިޓަލުގެ ބިލު ދެއްކުމަށް ފަހު ފުރުގާންގެ "ގަބުރު" އެމްބިއުލާންސް އަކަށް ލައިގެން ގެއަށް ގެނައި ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށެވެ. ނަމަވެސް އޭނާގެ ދޮށީ ބޭބެއަށް ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. ފުރުގާންގެ އަތްފައި ގުޑާތަން ބޭބެއަށް ފެނުނެވެ. އަދި އާއިލާގެ އެހެން މެމްބަރުންގެ ސަމާލު ކަމަށް އެކަން ގެނެސް، އެއީ އޭނާއަށް ހީވާ ގޮތް ނޫންކަން ކަށަވަރު ކުރިއެވެ.

ކަން ދިމާވީ ހަމަ އެގޮތަށެވެ. ފުރުގާންގެ އަތްފައި ހަރަކާތް ކުރެއެވެ. އާއިލާއިން އޭނާ ވަގުތުން ގެންދިޔައީ އެހެން ހޮސްޕިޓަލަކަށެވެ. ޑޮކްޓަރުންވެސް ދިނީ ހަމަ އެ ޖަވާބެވެ. ފުރުގާންގެ ފުރާނަ އަދި ނުދާ ކަމުގެ ޚަބަރެވެ. ނަމަވެސް އޭނާގެ ހާލު ސީރައަސްއެވެ. ނޭވާ ލަމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އެކަމަކު އޭނާ ދުނިޔޭގައި ދިރި އެބައޮތެވެ.

ފުރުގާން މަރުވި ކަމަށް ބުނި ޕްރައިވެޓް ހޮސްޕިޓަލުގެ ބިލަށް 10000 ޑޮލަރު އެރިއެވެ. ފައިސާ ހުސްވި ވާހަކަ ބުނުމުން ޕޭޝަންޓް މަރުވެއްޖެ ކަމަށް ބުނި އިރު، އޭނާ ފަހުން ގެންދެވުނު ހޮސްޕިޓަލުގެ ޑޮކްޓަރުން ދިނީ އެހެން ޖަވާބެކެވެ. ފުރުގާންގެ ހިތު ވިންދު ޖަހައެވެ. ޕްރެޝަރު ހުއްޓެވެ. ރިފްލެކްސަސްވެސް މަސައްކަތް ކުރެއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.