ޕޮޕްކޯން ނުބަތަ މާޖެއްސި ޒުވާރިއަކީ ލުއިކާނާގެ ތެރެއިން ތައްޔާރުކޮށްލަން އެންމެ ފަސޭހަ އެއް ކާނާއެވެ. އެކަމަކު މިއީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްތޯ ސުވާލުކޮށްލާ ހިސާބުން ގިނަ މީހުން، އެމީހުންގެ އަތުގައި އޮންނަ ޕޮޕްކޯން ޓައްޕު ދުރަށް ޖައްސާލައެވެ. ސައިޒް ޒީރޯގެ އުނަގަނޑެއްގެ ހުވަފެން ދެކޭ މީހުން ޕޮޕްކޯން ދެކެ ގަންނަނީ އަމަށަކު ބިރެއްވެސް ނޫނެވެ. އެކަމަކު، މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ބަރުދަން ލުއިކުރުމުގެ އަޒުމުގައި އުޅޭ މީހުންގެ ތެރެއިން، ލުއިކާނާ ބޭނުންވާ މީހުންނަށް ޕޮޕްކޯނަކީ ރަންގަނޑެކޭވެސް ބުނެވިދާނެއެވެ.

ފަހަރެއްގައިވެސް މި ދަންނަވަނީ ގިނަ އަދަދަކަށް ސަރުބީއާއި ލޮނު އަޅާ ޕްރޮސެސްކޮށްގެން އުފައްދާފައި ހުންނަ ތައްޔާރީ ޕޮޕްކޯންގެ ވާހަކައެއް ނޫނެވެ. ކަންމިހެން އޮތް ނަމަވެސް މާޖެއްސި ޒުވާރިއަކީ ސިއްހަތަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ ލުއިކާނާއެކެވެ. ޕޮޕްކޯން ތައްޔާރުކުރަނީ ސަތޭކަ ފަސެންޓް ހޯލް ގްރެއިންކަމުގައި ވުމުން، އޭގައި ފައިބަރު އެކުލެވޭ މިންވަރު އިތުރެވެ. މިއީ ހަޖަމުކުރުމަށް އެހީވެދޭ މާއްދާއެކެވެ. ހަމައެހެންމެ، ލޭ ހޮޅިތަކުގެ ވަށައިގެން ޖަހާ ސަރުބީތައްވެސް ވިރުވާލަދޭ މާއްދާއެކެވެ. ހަމަ އެހެންމެ ބަނޑު އަވަހަށް ފުރޭ ކަމުގެ އިހުސާސްވެސް ކޮށްދެއެވެ.

މާޖައްސާފައި ހުރި ޒުވާރި/ފޮޓޯ: ޕޮޕްޝުގާ

ޕޮޕްކޯންއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކެއްވެސް އޭގައި އެކުލެވިގެންވާ ލުއިކާނާއެކެވެ. ބަޓަރާ ލޮނު ފަދަ އިތުރު ބާވަތްތައް ނާޅާ، ހުސް މާޖެއްސި ޕޮޕްކޯން ފުކަކަށް ބަލާލަނަމަ، ޒުވާރީގެ އިތުރުން ދެން އެއޮތީ ހުސްވައެވެ. ކެލަރީގެ އަދަދު އިންތިހާއަށް މަދުވާނެއެވެ. ސަރުބީގެ މިންވަރުވެސް އިންތިހާއަށް މަދުވާނެއެވެ.

ޕޮޕްކޯން ތައްޔާރުކުރަން ބޭނުންކުރާ ޒުވާރިއަށް ބަލާއިރު، ޒުވާރިއަކީ އެންޓިއޮކްސިޑަންޓްސްއިން މުއްސަނދިވެފައިވާ އޮށެކެވެ. އެހެންކަމުން، ޕޮޕްކޯންއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްސް ހޯދުމަށް ބޭނުންކުރެވިދާނެ ލުއި ކާނާއެކޭވެސް ބުނެވިދާނެއެވެ.