ހުއްދަ ދޫކޮށްފައިވާ މިންގަނޑަށްވުރެ އިތުރަށް އީރާނުން ޔުރޭނިއަމް މުއްސަނދިކޮށް ފައްކާކުރުމުގެ މަސައްކަތް ފުޅާކުރާ ކުރުމަކީ، ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކަކާ އެގައުމަށް ކުރިމަތިލާން ޖައްސުވާނެ އަމަލަކަށް ވެގެންދާނެ ކަމުގެ އިންޒާރު، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ދެއްވައިފިއެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލި ސުލްހައިގެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް އެގައުމުން ޔުރޭނިއަމް ފައްކާކުރުމުގެ ވަގުތު ޖެހިފައިވާކަމަށް އީރާނުން ހާމަކުރީ އާދީއްތަ ދުވަހުއެވެ.

މި ފަދަ ފިޔަވަޅެއް އަޅައިފިނަމަ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އެމެރިކާއިން މިދިޔަ އަހަރު ވަނީ މި އެއްބަސްވުމުން ވަކިވެފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ (މ)، އެ ގައުމުގައި ޔުރޭނިއަމް ފައްކާކުރާ މަރުކަޒެއް ބައްލަވާލައްވަނީ/ފޮޓޯ: އީޕީއޭ

ޕޮމްޕޭއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނިއުކްލިއާ މަޝްރޫއު އިތުރަށް ފުޅާކުރުމަކީ އީރާނު އިތުރަށް އެކަހެރިކޮށްލާނެ ކަމެއް ކަމަށެވެ. ނިއުކްލިއާ ހަތިޔާރުގެ ތަނަވަސްކަން ލިބިފައިވާ ސަރުކާރެއް އީރާނުގައި އޮތުމަކީ އަދަށް ވުރެ ބޮޑު ނުރައްކަލެއް މުޅި ދުނިޔެއަށްވެސް ކުރިމަތިކުރުވާނެ ކަމަށްވެސް ޕޮމްޕޭއޯ ވަނީ ސިފަކުރައްވާފައެވެ.

އީރާނުން ވަނީ ސުލްހައިގެ އެއްބަސްވުމުން ލާޒިމުކުރާ ކަންކަން ނަގަހައްޓަން ބޭނުން ނަމަ ވިލާތުގެ ބާރުތަކުންވެސް މަސައްކަތްތަކެއް ކޮށްދޭން ޖެހޭ ކަމަށް ބުނެ، 60 ދުވަހުގެ މުހުލަތެއް ދީފައެވެ. އާދީއްތަ ދުވަހުގެ ނިޔަލަށް އެ މުހުލަތު ހަމަވިއިރުވެސް ވިލާތުން އެދެވޭ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަކޮށް، އީރާނުން ވަނީ، ސުލްހައިގެ އެއްބަސްވުމާ ދުރަށް އެގައުމުން ޖެހެމުންދާނެ ކަމަށާ، އަނެއްކާވެސް އަދި އިތުރު 60 ދުވަހަށް ބެލުމަށްފަހު، އެއްބަސްވުމުގެ އިތުރު ނުކުތާތަކަކަށް އަމަލުކުރުން އެގައުމުން ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ.