އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު ތަވަބާލަން ޕޫބަލަސިންގަމް އިސްތިއުފާ ދެއްވައިފިއެވެ.
އުރީދޫނަ ބުނީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ކަމުން ތަވަބާލަން ވަނީ މިދިޔަ މަހު 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ތަވަބާލަނަކީ އުރީދޫގެ ޗީފް ފައިނޭނސްޝަލް އޮފިސަރުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން އައި ފަރާތެވެ. އެގޮތުން، އުރީދޫގެ ބޯޑު އެގްޒެކެޓިވް ޑިރެކްޓަރަކީ އެ ކުންފުނީގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވްއެވެ.
ތަވަބާލަން މި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޯސެޓް އުރީދޫ ގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމާ ގުޅިގެން ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ ތަވަބާލަން ވަނީ އެ ކުންފުނިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ކުރާ ދަތުރުގައި އެހީތެރިވެދެއްވައި، ކުންފުނީގައި މިހާރު ބޭނުންކުރަމުން އަންނަ ޕްރޮސެސްތައް ހަރުދަނާކުރުމުގެ އިތުރުން އައު ޕްރޮސެސްތައް ގާއިމުކޮށް، ކުންފުނީގެ ހިންގުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ. އަދި ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައި ކުންފުނި ހިންގުމަށް ތަވަބާލަން ދެއްވާފައިވާ ލަފަޔާއި އިރުޝާދުގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމުގެ މަގު ފަހިކޮށްދެއްވާފައިވާ ކަމަށް ވެސް އުރީދޫން ބުނެއެވެ
މީގެ އިތުރުން ތަވަބާލަން ޕޫބަލަސިންގަމްއަށް އިންޑޯސެޓުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބުމާ ގުޅިގެން އުރީދޫގެ ފަރާތުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައި، އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިފައެވެ.