އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ މަޝްރޫއާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ، އެގައުމުން ޔުރޭނިއަމް މުއްސަނދިކޮށް، ފައްކާ ކުރާ މިންވަރު އިތުރުކުރުމުގެ ވަގުތުޖެހިއްޖެކަން އީރާނުން ހާމަކޮށްފިއެވެ.
ޚަބަރު ލިބޭ ގޮތުގައި، ކުރިއަށް އޮތް މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި، ސުލްހައިގެ އެއްބަސްވުމުން ކަނޑައެޅި ހައްދުގެ އިން ހުރަސްކޮށް، އެއަށްވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކޮށް، މުއްސަނދިކުރަން ފަށާނެއެވެ.
އީރާނުގެ ހާރިޖީވަޒީރުގެ ނައިބު ޢައްބާސް އަރަޤުޝީ ވިދާޅުވީ، ސުލްހައިގެ އެއްބަސްވުން ސަލާމަތްކުރަން ބޭނުންކަމަށާ، ނަމަވެސް، ވިލާތުގެ ގައުމުތަކުން ވެފައިވާ ވައުދާ އެއްގޮތަށް އަމަލުކުރުމަށް އެ ގައުމުތަކުންވެސް ފެއިލްވެފައިވާކަމަށެވެ.
އެމެރިކާއިންވަނީ 2018 ވަނަ އަހަރު، މި އެއްބަސްވުމުން ވަކިވެފައެވެ. އެއަށްފަހު އެމެރިކާގެ ސަރުކާރުންދަނީ، އީރާނާ ދެކޮޅަށް، މާލީ އަދި އިގުތިސޯދީ ގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ. އީރާނުން ބުނާ ގޮތުގައި މިއީ އީރާނުގެ ވެރިކަމާ ތޮޅުމަށް އެމެރިކާއިން ހިންގާ އަމަލެކެވެ.
މި އެއްބަސްވުމުން އެމެރިކާ ވަކިވިތާ 1 އަހަރުފުރުމާ ދިމާކޮށް، އީރާނުންވަނީ އެމެރިކާގެ ފިޔަވަޅުތަކުން އެ ގައުމު ސަލާމަތްކޮށްދިނުމަށް، އެއްބަސްވުމުގައި ބާކީ ތިބި ގައުމުތައް ކަމަށްވާ ޗައިނާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ރަޝިޔާ އަދި އިނގިރޭސިވިލާތުގެ ކިބައިން އެދިފައެވެ. އަދި އެކަން ކުރުމަށް 60 ދުވަހުގެ މުހުތަލެއްވެސް އީރާނުންވަނީ ދީފައެވެ. މިމުހުލަތު މިއަދު ހަމަވާއިރު، އަރަޤުޝީ ވިދާޅުވީ އީރާނަށް 3.67 ޕަސެންޓަށްވުރެ އިތުރަށް ޔުރޭނިއަމް މުއްސަނދިކޮށް ފައްކާކުރުމުގެ މަސައްކަތް މާ ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށާ، އެކަން ކުރިއަށްދާނީ ބުޝޭރު ނިއުކްލިއާ ޕްލާންޓްގައި ކަމަށެވެ.
އަރަޤުޝީވަނީ 2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމުގައި އީރާނަށް ލާޒިމުކޮށްފައިވާ ގަވައިދާ ދުރަށް އެގައުމުން ކޮންމެ 60 ދުވަހަކުން ފިޔަވަޅެއް އަޅަމުންދާނެކަމުގެ އިންޒާރު ދެއްވާފައެވެ.
އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ތުހުމަތުކުރާ ގޮތުގައި އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ އަސްކަރީ ބާރުވެރިކަން ހޯދުމަށް އީރާނުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ނަމަވެސް އީރާނުން ވަކާލާތުކުރާ ގޮތުގައި އެގައުމުގެ ނިއުކްލިއާ މަޝްރޫއަކީ، މަދަނީ މަގުސަދުތަކަކަށްޓަކައި ކުރިއަށްގެންދާ ސުލްހަވެރި މަޝްރޫއެކެވެ.