ސޫރިއާގެ ފަސްގަނޑުގައި އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮތް ހަމައެކަނި ހިސާބުގަނޑު ކަމަށްވާ ހުޅަނގު އުތުރު ސަރަހައްދަށް އަމާޒުކޮށް، ރަޝިއާ އިސްވެ އޮވެ މީގެ 2 މަހެއްހާ ދުވަސް ކުރިން ދޭން ފެށި ހަމަލާތަކުގައި އާންމުންގެ 544 މީހަކު މަރުވެ، 2000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި ވާކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕުތަކުން ބުނެފިއެވެ.

ސޫރިއާގެ ރައީސް ބައްޝާރުލް އަސަދަށް އެއްބާރުލުން ދޭ އަސްކަރިއްޔާއާ ގުޅިގެން އިދްލީބްއާއި ހާމާ ޕްރޮވިންސްގެ އެކި ހިސާބުތަކަށް ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާ ދޭން ފެށީ މިއަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުއެވެ.

ދަ ސީރިއަން ނެޓްވާކް ފޯ ހިއުމަން ރައިޓްސް (އެސް.އެން.އެޗް.އާރް)އާއި އދގެ ބައެއް އިދާރާތަކުން ބުނާ ގޮތުގައި ރަޝިއާގެ ޖެޓުތަކުން އެތައްސަތޭކަ ހަމަލާއެއް ދީފައި ވާއިރު، މަރުވި އާންމުންގެ ތެރޭގައި 130 ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އެސް.އެން.އެޗް.އާރްގެ ޗެއާމަން ފާޒިލް ޢަބްދުޣަނީ ބުނީ، ރަޝިއާގެ އަސްކަރިއްޔާއާއި ސޫރިއާގެ ބައިވެރިން އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާ ދެމުން ދަނީ ގަސްތުގައެވެ. އެގޮތުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ގިނަ މަރުކަޒު ތަކަކަށް ބޮމުގެ ހަމަލާތައްވެސް ދީފައި ވާކަން ފާޒިލް ވަނީ ފާހަގަ ކޮށްފައެވެ.

ސޫރިޔާ ހަނގުރާމާގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއްގެ ކައިރީގައި މީހަކު މާޔޫސްކަމާއެކު އިށީނދެލައިގެން/ފޮޓޯ: ޒީ ނިއުސް ނެޓްވާކް

ރަޝިއާގެ ސަރުކާރުން ބުނީ އެގައުމުގެ އަސްކަރިއްޔާއާއި ސޫރިއާގެ އަސްކަރިއްޔާއިން ހަމަލާ ދެމުން ދަނީ، އަލްގައިދާ ހަނގުރާމަވެރިން ދޭ ޓެރަރިޒަމްގެ ހަމަލާތައް ނައްތާލުމުގެ މަގުސަދަގައި ކަމަށެވެ. އެގޮތުން ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސަރަހައްދު ތަކަށް ޓެރަރިސްޓް ހަމަލާ ދިނުމަށް އަލްގައިދާގެ ހަނގުރާމަވެރިން މަސައްކަތް ކުރާ ކަމަށް ރަޝިއާއިން ތުހުމަތު ކުރެއެވެ. ހަމަ މިއާއެކު، ސޫރިއާގައި ހަމަލާ ބަދަލުކުރުން މަނާކުރުމަށް ތުރުކީވިލާތާ ރަޝިއާއާއި ދެމެދު އެކުލަވާލި އެއްބަސްވުމާވެސް އިދިކޮޅު ފަރާތްތަކުން ހިލާފު ވަމުން ދާކަމަށް ރަޝިއާގެ ސަރުކާރުން ވަނީ ތުހުމަތު ކޮށްފައެވެ.

ސޫރިއާގައި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި އާންމު ރައްޔިތުން ސިފަކުރާ ގޮތުގައި، ފާއިތުވީ ދެ މަސް ދުވަހުގެ ހަމަލާތަކުގައި ބައެއް އަވަށްތައް ވަނީ މުޅިންހެން ސުންނާފަތި ވެފައެވެ. އދއިން ބުނާ ގޮތުގައި ހަމަލާތަކުން ދިފާއު ހޯދުމަށް 300000 އެއްހާ މީހުން ވަނީ އަމިއްލަ ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ހިސާބުތަކަށް ހިޖުރަވެސް ކޮށްފައެވެ. ނަތީޖާއަކަށް ވެފައިވަނީ ބައެއް އަވަށްތައް މުޅިން ފަޅުވުން ކަމަށް މަދަނީ ދިފާއަށް މަސައްކަތްކުރާ އޮފިޝަލުން ވަނީ ފާހަގަ ކޮށްފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ 11 ގުރޫޕަކުން ވަނީ އިދްލީބުގެ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކޮށް، އެސަރަހައްދުގައި ކާރިސާއެއް ފެށިދާނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން 3 މިލިއަނެއްހާ އާންމު ރައްޔިތުންގެ ފުރާނަ އޮތީ ނުރައްކަލުގެ އަނދަވަޅުގެ ތުންފަތް މަތީގައި ކަމަށާ، މީގެ ތެރޭގައި މިލިއަނެއްހާ ކުޑަކުދިންވެސް ހިމެނޭކަމަށް ޚަބަރު ލިބެއެވެ.