ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ އެމޭޒަން ކުންފުނީގެ ބާޒީ ޖެފް ބޭޒޯސްގެ ވަރީގެ އަގަކީ، 38.3 ބިލިއަން ޑޮލަރު ކަމުގައި ކޯޓުން ކަނޑައަޅައިފިއެވެ.

25 އަހަރަށްފަހު ކައިވެނި ރޫޅާލާއިރު، ބަދަލެއްގެ ގޮތުގައި އެމޭޒަން ކުންފުނީގެ ހިއްސާއިން 38.3 ބިލިއަން ޑޮލަރު، މެކެންޒީ ބޭޒޯސްއަށް ދޭންޖެހޭކަމަށް ކޯޓުންވަނީ ނިންމާފައެވެ.

ކޯޓުން ވަރި ސާބިތުކުރުމާއެކު، ކުންފުނީގެ ހިއްސާގެ 4 ޕަސެންޓަކީ މެކެންޒީގެ ނަމަކަށް ބަދަލުކުރެވޭނެ ހިއްސާތަކެއްކަމަށް އެމޭޒަން ކުންފުނިންވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އިއުލާންކޮށްފައެވެ. ކުންފުނީގެ ހިއްސާގެ 12 ޕަސެންޓް އަދިވެސް އޮންނާނީ ޖެފް އަތުގައިއެވެ. އެ ހިއްސާތަކުގެ އަގު، ގާތްގަނޑަކަށް 114.8 ބިލިއަން ޑޮލަރަށް އަރައެވެ.

މެކެންޒީވަނީ އޭނާއަށްވާ ހިއްސާތަކާއެކު ލިބޭ ވޯޓުގެ ހައްގު ޖެފްއަށް ދޭނެކަމަށް ބުނެފައެވެ.

އެމޭޒަން ކުންފުނި އުފައްދާ ހިންގުމުގައި މެކެންޒީ ވަނީ އިސްދައުރެއް އަދާކޮށްފައެވެ.

ޖެފް އާއި މެކެންޒީގެ ކައިވެނި ރޫޅާލަން ނިންމިކަން އެމީހުން އިއުލާންކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.