އެމެރިކާގެ އިލަނޯއީގައި ހުންނަ މާސީ ހޮސްޕިޓަލުން މީހަކު ލައިފް ސަޕޯޓުން ނެގީ އާއިލާގެ ރުހުމާއެކުގައެވެ. މައްސަލައަކަށްވީ ލައިފް ސަޕޯޓުން ނަގާ، އޭނާ މަރުވުމެއް ނޫނެވެ. މައްސަލައަކަށްވީ، ލައިފް ސަޕޯޓުން "ބޭބެ" ނަގަން ރުހުން ދިން އާއިލާއަކީ ހަގީގަތުގައި އެމީހާގެ އާއިލާއަށް ނުވާކަމެވެ.

އެއީ މިއަހަރުގެ އެޕްރިލް މަހުގެ ދުވަހެކެވެ. އޮރިޔާން ހާލުގައި، ކާރެއްގެ ދަށުގައި، އޮތް ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ މޫނުމަތީގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. އެއީ ކާކުކަން ޝިކާގޯގެ ފުލުހުން ދެނެގަތެވެ. އެއީ އަލްފޯންސޯ ބެނެޓް ނަމަކަށް ކިއާ މީހެއްކަމަށް ފުލުހުން ނިންމީ މަގްޝޮޓްތަކެއް ބަލައިގެންނެވެ. އަދި އޭނާ ހޮސްޕިޓަލުގައި އޮތްކަން އާއިލާއަށް އެންގީ މޭމަހުގެ ތެރޭގައެވެ.

އޭނާ މި ދުނިޔެއާއި ވަކިވެގެންދިޔައީ، ލައިފް ސަޕޯޓުން ނެގުމަށް އާއިލާއިން ރުހުން ދިނުމުން، ހޮސްޕިޓަލުން އެ ފިޔަވަޅު އެޅި ހިސާބުންނެވެ. ވާހަކަ ބަދަލުވަނީ މިހާ ހިސާބުންނެވެ.

އެއީ އޭނާގެ ޖަނާޒާއެވެ. އެމެރިކާގެ ސަގާފަތް ހަމަޖެހިފައި އޮންނަ ގޮތުން، މީހެއްގެ ޖަނާޒާ ކުރިއަށްދާއިރު ކެއުންވެސް ތައްޔާރުކޮށްފައި ހުރެއެވެ. އޭނާގެ ޖަނާޒާ ރޭވުމަށް އާއިލާއިން ބޭއްވީ ބާބަކިއުއެކެވެ. ބާބަކިއުއަށް ގޮސް ތިބި މީހުންނަށް ސިހުން ގެނުވީ ހަގީގީ ބެނެޓް އެ ތަނަށް ވަދެގެން އައި ހިސާބުންނެވެ.

ފުލުހުންވެސް "ތެޅި"ގަތެވެ. މޯގުގައި އޮތް މީހާގެ ފިންގާޕްރިންޓެއް ނެގީ އަދި މިހާ ހިސާބުންނެވެ. އަދި މަރުވެފައި އޮތީ ބެނެޓް ނޫންކަމާ، އެއީ އެލީޝާ ބްރިޓްމަން ނަމަކަށް ކިއާ މީހެއްކަން ކަށަވަރުވެ، އޭނާގެ އާއިލާއަށް އެކަން އެނގީ މިހާ ހިސާބުންނެވެ.

ބްރިޓްމަންއާއި ބެނެޓްގެ އާއިލާއިންވެސް މިހާރު ދަނީ ހޮސްޕިޓަލާ ޝިކާގޯ ސިޓީ ގޮވައިގެން ކޯޓުގައި ދައުވާކުރަމުންނެވެ. ޝަކުވާއަކީ، ފަރުވާކުޑަކުރުމާ، ގަސްތުގައި ނަފްސާނީ އަނިޔާ ދިނުމެވެ.

"ބޭބެ އެކްސިޑެންޓްވެގެން" ހޮސްޕިޓަލަށް ދިޔަ ފުރަތަމަ ފަހަރުވެސް ހިތުގައި ޝައްކުތަކެއް އުފެދުނު ކަމަށް ބެނެޓްގެ ކޮއްކޮ ރޯޒީ ބްރޫކްސް ދިޔައީ ބުނަމުންނެވެ. އެ ހާލުގައި އޮތީ އޭނާގެ ބޭބެކަމަށް ހިތުގެ އަޑިން ގަބޫލުނުކުރެވޭ ކަމަށް ރޯޒީ ދިޔައީ ބުނަމުންނެވެ. ނަމަވެސް އެއީ އެފަދަ ގޮތަކަށް ބޭބެ އޮތް މަންޒަރު ފެނުމުން، ރޯޒީގެ ނަފްސު އެކަން ގަބޫލުކުރަން ބޭނުން ނުވާތީ ވާ ގޮތެއް ކަމަށް އޭނާ ގާތު ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.

އާއިލާގެ ލޯ ކުރިމަތިން ބެނެޓް ގެއްލި، ހޮސްޕިޓަލުގައި އޮތް ދުވަސްވަރާ މަރުވި ފަހުން ބާބަކިއުއާ ޖެހެންދެކަށް އޭނާ އުޅުނުތަނެއް އަދި ކަށަވަރެއް ނުވެއެވެ.

މަރުވި ބްރިޓްމަންގެ އާއިލާއިން ބުނީ އޭނާ ގެއްލިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަމަށާ އޭނާ ހޯދުމަށް ހޮސްޕިޓަލުތަކަށާ މޯގުތަކަށްވެސް ގުޅިކަމަށެވެ.

މިމައްސަލާގައި ސެނެޓާ ޕެޓްރީޝިއާ ވޭން ޕެލްޓް ވިދާޅުވީ، ފުލުހުން އެންމެ ކުރިންވެސް އިނގިލީގެ ނިޝާން ނަގައިގެން ނުވަތަ ޑީއެންއޭ ޓެސްޓުކޮށްގެން ކާކުކަން ދެނެގަންނަންޖެހޭނެ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އެއްޗެއް ބުނުމަށް ހޮސްޕިޓަލުން ވަނީ އިންކާރުކޮށްފައެވެ.