ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ސައުދީން އިތުރުކޮށްދީ ފައިވާ ކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ކުރި މަސައްކަތުން އިތުރު 1000 ހައްޖު ސައުދީން ދީފައިވާ ކަަމށެވެ. އަދި މި ކޯޓާ ލިބުނުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އިއުލާން ކުރެއްވުމާ އެކު އެ ކޯޓާތައް ހައްޖު ޖަމާއަތްތަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ރާއްޖޭއަށް ފުރަތަމަ ދީފައިވާ 1000 މީހުންގެ ކޯޓާގެ ތެރެއިން 550 މީހުންގެ ޖާގަ އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ކޯޕަރޭޝަނަށް ދީފައެވެ. އަދި އޭގެތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީން ޝާއިއުކޮށްފައިވާ "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ވަނީ ރިޒާވްކޮށްފައެވެ.
އާއްމު ގޮތެއްގައި ހައްޖު ކޯޓާގެ ގޮތުގައި ކޮންމެ އަހަރަކު ރާއްޖެއަށް 1000 ކޯޓާ ކަނޑައަޅާފައިވީ ނަމަވެސް ކޮންމެ އަހަރަކު ވެސް ސައުދީން މިއަދަދު 2000 އަށް އިތުރުކޮށްދެއެވެ. އެގޮތުން، މިދިޔަ އަހަރު ސައުދީން ރާއްޖެ އަށް 1000 ކޯޓާ އިތުރު ކޮށްދީފައި ވާއިރު، ހައްޖަށް މީހުން ފުރަން ފެށި ފަހުން ކޯޓާ އިތުރު ކޮށްދިނުމުގެ ސަބަބުން ބައެއް ކޯޓާތަކުގައި މީހުން ހައްޖަށް ފޮނުވިފައެއް ނުވެއެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަދީފައި ވަނީ ފަސް ކުންފުންޏަކަށެވެ. މި ކުންފުނިތަކުގެ ތެރޭގައި، ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ގުރޫޕް، މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މި ފަސް ކުންފުނީގެ އިތުރުން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދެން އޮންނާނީ ހައްޖު ކޯޕަރޭޝަނަށެވެ.