ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދޮންދަރިފުޅު ރިޒާ ޢަޒީޒު ހައްޔަރުކޮށްފިއެވެ.

ރިޒާ ޢަޒީޒު ހައްޔަރުކޮށްފައިވަނީ ކަޅުފައިސާ ދޮވުމުގެ ކުށުގެ ތުހުމަތުގައެވެ.

އެ ފިލްމެއްގެ ލީޑުން ލިއަނާޑޯ ޑިކެޕްރިއޯ ފެނިގެންދިޔަ "ވުލްފް އޮފް ވޯލް ސްޓްރީޓް"ގެ ޕްރޮޑިއުސަރު ރިޒާ ޢަޒީޒު ހައްޔަރުކޮށްފައިވަނީ މެލޭޝިއާއިންނެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ރިޒާ ޢަޒީޒުގެ ދޮންބައްޕައާއި މަންމައަކީވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްގައި ބެދިފައިވާ ބޭފުޅުންތަކެކެވެ.

މެލޭޝިއާގެ އެންޓިކޮރަޕްޝަން އޭޖެންސީގެ އިސްވެރިޔާ ލަތީފާ ކޯޔާ ވިދާޅުވީ ރިޒާ ޢަޒީޒު މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރެވޭނެކަމަށެވެ.

ރިޒާ ޢަޒީޒުގެ ކުންފުނި "ރެޑް ގްރެނައިޓް"އާއި ދެކޮޅަށް އެމެރިކާގެ ސަރުކާރުން ތުހުމަތުތަކެއް ފެންމަތިކޮށްފައިވާއިރު، އޭނާ ދަނީ ދައުވާތަކާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އެމެރިކާ ސަރުކާރުން "ރެޑް ގްރެނައިޓް"އާއި ދެކޮޅަށް ދައުވާ ކުރަނީ މެލޭޝިއާގެ އެންމެ ބޮޑު ކޮރަޕްޝަން މައްސަލައިގެ ގޮތުގައި އަދިވެސް ބަލަމުންދާ ވަން މެލޭޝިއާ ޑިވަލޮޕްމަންޓް ބާހާޑްގެ ފައިސާއިން ރިޒާ ޢަޒީޒު 2 ފިލްމަކަށް ފަންޑުކުރި މައްސަލަގައެވެ. މިމައްސަލަ ކޯޓުން ބޭރުން ހައްލުކޮށް، އެމެރިކާ ސަރުކާރަށް މާލީ ބަދަލުވެސް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.