މަތިވެރިވެގެންވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ދާ ޙައްޖާޖީންގެ ފުރަތަމަ ގުރޫޕު މައްކާއާއި މަދީނާއަށް ހިނގައްޖެއެވެ.

މި ޙައްޖުވެރިންނަކީ ސައުދީއިން ފަށާފައިވާ "މައްކާ ރޯޑް އިނިޝިއޭޓިވް"ގެ ދަށުން ދިޔަ ޙައްޖުވެރިންނެވެ. ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުތައް ސައުދީއަށް އެތެރެވީ ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓާ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"މައްކާ ރޯޑް އިނިޝިއޭޓިވް" ޕްރޮގްރާމްގެ ދަށުން، 5 ގައުމަކުން 225000 ޙައްޖުވެރިން މިއަހަރު ސައުދީއަށް އެތެރެވާނެކަމަށް ބެލެވެއެވެ.

ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، މިމަޝްރޫއުގެ ދަށުން ސައުދީއަށް އަންނަ ޙައްޖުވެރިންނަށް ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓާ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓުން ހާއްސަ ލުއިފަސޭހަތަކެއް ހަމަޖެހިގެންދާނެކަމަށެވެ. މިފަހަރު މި ސްކީމްގައި ހިމެނޭ ގައުމުތަކަކީ މެލޭޝިއާ، އިންޑޮނޭޝިއާ، ޕާކިސްތާނު، ބަންގްލަދޭޝް އަދި ތޫނިސްއެވެ.

މިއަހަރުގެ އަރަފާތު ދުވަސް ދިމާވަނީ މީލާދީ ކަލަންޑަރުން އޯގަސްޓް މަހުގެ 9 ވަނަ ދުވަހަށެވެ.