ޖުޑީޝަރީގެ ބާރުތައް މި ސަރުކާރުން ފޭރިގެންފައި ވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން ކާނީވާ ސަރަހައްދުގައި ކުރިއަށް ގެންދާ އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ސުޕްރީމް ކޯޓަށް އަތްގަދަކޮށް ޖުޑީޝަރީގެ ބާރުވެސް ފޭރިގެންފައި ވާކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ނެގުމާއެކު މިއީ ގާތްގަނޑަކަށް ބަރުލަމާނީ ބާރު އޮތް ގައުމަކަށް ވެފައި ވާކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ އެންމެ ބޮޑަށް ބަރުލަމާނީ ބާރު އޮންނަ ގައުމުތަކުގައިވެސް ބަރުލަމާނީ ބާރު ހިނގާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން ސުޕްރީމް ކޯޓުގެ ބާރުތަކަށާއި، ޖުޑީޝަރީގެ ބާރުތަކަށް ކިތަންމެ މިނިވަން ކޮމިޝަނެއް އުފައްދައިފައި އޮތަސް އަރައި ނުގަނެވޭނެ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ރިޔާސީ ކޮމިޝަނެއް އުފައްދާ ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރުތަކަށް ނުކިޔަމަންތެރި ވުމުގެ ބާރު އެ ކޮމިޝަންތަކަށް ދިނުމުން އެއީ ކޮމިޝަނެއް ހަލާކު ކޮށްލުން ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް މިއަދު މިކަންކަން ހިނގަން މެދުވެރިވީ ރައްޔިތުން ސަރުކާރަށް އެ ބާރު ދިނުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އިންތިހާބު ތަކުގެ ކުރިން އަބަދުވެސް ހެޔޮ ގޮތް ހިޔާރު ކުރުމާ ހެޔޮ ވިސްނުން ގެންގުޅު ނަމަ މިކަން މިގޮތަށް ވެގެން ނުދާނޭ ކަމަށެވެ.

އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދާ އެއްވުމުގައި އިދިކޮޅު އިއްތިހާދަށް ތާއިދު ކުރާ މާލޭގައި ދިރިއުޅެމުންދާ ބައެއް ރައްޔިތުންގެ އިތުން އެ ޕާޓީތަކުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.