އޭ އައި (އާޓިފިޝަލް އިންޓެލިޖަންސް) މޯލްޑިވްސް 2019 ގެ ޓައިޓަލް ސްޕޮންސާއަކަށް އުރޫދީ މޯލްޑިވްސް ހަމަޖެހިއްޖެއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، އުރީދޫ އަކީ އޮގަސްޓް 26 އިން 28 ގެ ނިޔަލަށް އއ. އުކުޅަހުގައި ކުރިއަށްދާނެ އިންޓަނޭޝަނަލް ވޯކްޝޮޕް އޮފް އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް 2019، ސްކީމާ 2019 އަދި އުކުޅަސް ޓެކް ފެއާގެ ޓައިޓަލް ސްޕޮންސާއެވެ.

އުރީދޫގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ އޭއައި މޯލްޑިވްސް 2019ގެ ޓައިޓަލް ސްޕޮންސާއަށް ވުމަކީ އުރީދޫއަށް ލިބުނު ފަހުރެއް ކަމަށާއި، މި އިވެންޓު އިތުރަށް ފުރިހަމަކޮށް، ފައިދާހުރި ޕެލްޓްފޯމަކަށް ހެދުމަށް އުރީދޫގެ ފުރިހަމަ އެއްބާރުލުން އުގެއިލް ފައުންޑޭޝަން އަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

"އާޓިފިޝަލް އިންޓެލިޖެންސަކީ ކުރިމަގުގެ ޑިޖިޓަލް ދުނިޔޭގައި، މިހާތަނަށް ފެނިފައިނުވާ ފަދަ ފުރުސަތުތަކާއި، އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުން ފަހި ކޮށްދޭނެ ޓެކްނޮލޮޖީއެއް. މިގޮތުން، އޭއައި މޯލްޑިވްސް 2019 ފަދަ ޕްލެޓްފޯމުތަކުގެ ސަބަބުން ޑިޖިޓަލް ގައުމެއް ބިނާކުރުމުގައި އޭއައި ޓެކްނޮލޮޖީގެ މުހިއްމު ދައުރާއިމެދު ހޭލުންތެރިކަން އިތުރުކޮށް، އޭއައި ހިމެނޭ އީޖާދީ ހިދުމަތްތައް ބިނާ ކުރުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ."
އުރީދޫގެ އެމްޑީ ނަޖީބް ހާން

މި އިވެންޓާ ގުޅޭގޮތުން އުގެއިލް ފައުންޑޭޝަންގެ ފައުންޑާ އަދި ރައީސް، ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުން 100 އަށް ވުރެ ގިނަ ސައިންޓިސްޓުން ބައިވެރިވާ އޭއައި މޯލްޑިވްސް 2019 އަށް އުރީދޫގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ، ރާއްޖޭގައި ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކޮށް، އާލާކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު އެނގިގެންދާ ކަމެއް ކަމަށް އުގައިލް ވިދާޅުވިއެވެ.

އޭއައި މޯލްޑިވްސް މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސްގެ މާހިރުންނާއި އެދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ބައިވެރިވެ، މި މުހިންމު ދާއިރާގެ ފަހުގެ ކުރިއެރުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް، މައުލޫމާތު ހިއްސާކުރާނެއެވެ. މި މަހާސިންތާ އަކީ 2019ގެ އައިއީއީއީ ސްޕޮންސާ ކޮށްފައިވާ އިންޓަނޭޝަނަލް ކޮންފަރަންސް އޮން ސޮފްޓްވެއާ، ނޮލެޖް، އިންފޮމޭޝަން މެނޭޖްމަންޓް އަދި އެޕްލިކޭޝަންސް ނުވަތަ ސްކީމާ 2019ގެ ބަޔެކެވެ.

މި އިންޓަނޭޝަނަލް ކޮންފަރެންސް އަދި މަހާސިންތާ ކުރިއަށްދާއިރު، އުކުޅަހުގައި ޓެކް ފެއާ އެއްވެސް ކުރިއަށްދާނެއެވެ. މި ޓެކް ފެއާގައި ދިވެހި މުއައްސަސާތަކާއި، ވިޔަފާރިތަކުގެ އިތުރުން ޓެކްނޮލޮޖީ ދާއިރާއަށް އަހުލުވެރި އަމިއްލަ ފަރާތްތަކުގެ އީޖާދުތަކާއި، އައު އުފެއްދުންތައް ދައްކާލެވޭނެއެވެ.