ޙައްޖު މޫސުމާ ދިމާކޮށް މައްކާގެ މަގުތައް ދުއްވާ އެއްޗިހިން ތޮއްޖެހޭ މައްސަލައަށް ލުއި ފަސޭހަ ހައްލެއް ހޯދާދިނުމުގެ ގޮތުން، މައްކާގެ ބިމަށް އެއްގަމު އުޅަނދު ފަހަރު ވަނުން، ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން މަނާކޮށްފިއެވެ.

މައްކާގެ ބިމަށް އެއްގަމު އުޅަނދެއްގައި ވަދެވޭނީ އެކަމަށް ހާއްސަކޮށްފައިވާ ހުއްދައެއް އޮންނަ ޑްރައިވަރުން ތިބި އުޅަނދު ފަހަރަށް އެކަނި ކަމަށްވާއިރު، އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މި ގަވާއިދު ތަންފީޒުކުރެވިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ގަވާއިދެއް ތަންފީޒުކުރަން ފަށާފައި މިވަނީ، ޙައްޖުވެރިން ގޮވައިގެން މައްކާ ތެރޭގައި ދަތުރުކުރާ އެތައް ހާސް ބަހަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް ސިންޑިކެޓް އޮފް ކާޒްގެ ރައީސް ޢަބްދުލްރަޙްމާން އަލް ޙަރުބީ ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަމާ މައްކާއިން ގުޅިފައިވާ މަރުކަޒީ ސަރަހައްދަކީ ޖިއޮގްރަފީ ގޮތުން ކުޑަ ސަރަހައްދެއް ކަމަށާއި، ކާރު ފަދަ އުޅަނދުތައް މައްކާއަށް އެތެރެވުން ހުއްޓުވުމަކީ ޙައްޖުވެރިން ގޮވައިގެން ދަތުރުކުރާ ބަސްތަކަށް ރެކޯޑް ވަގުތެއްގެ ތެރޭގައި ދަތުރުކުރެވޭނެ ފުރުސަތު ފަހިވާނެ ކަމެއް ކަމަށެވެ. އަދި މިއީ ސައުދީން ކަނޑައަޅާފައިވާ 2030 ވަނަ އަހަރުގެ ތަސައްވުރުގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކޮށް، ޙައްޖުވެރިންގެ އަދަދު އިތުރު ކުރުމަށްވެސް އެހީވެދޭނެ ބަދަލެއް ކަން ޙަރުބީ ވަނީ ފާހަގަކުރައްވާފައެވެ.

މި ގަވައިދު ތަންފީޒު ކުރުމަށްޓަކައި މައްކާއަށް ދެވެން އޮންނަ އެކި މަގުތަކުގައި ޗެކްޕޯސްޓުތައް ވަނީ ގާއިމުކޮށްފައެވެ.