ޙައްޖުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީ، ހުރިހާ ޙައްޖުވެރިންނަކީ ވެސް އިހުތިރާމް ލިބިގެންވާ ބައެއްކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދޭންޖެހޭނެ ކަމަށް އީރާނު ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ޙައްޖު އޮފިޝަލުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ހާމަނާއީ ވިދާޅުވީ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ނަމުގައި ހަރުކަށި ފިޔަވަޅުތަކެއް ނާޅާ، ޙައްޖުވެރިންގެ ސަލާމަތްތެރިކަން، ސައުދީން ކަށަވަރުކޮށްދެވެން ޖެހޭނެ ކަމަށެވެ.

ހާމަނާއީގެ ވާހަކަފުޅުތައް މިފަދަ މޭރުމަކުން ހުރިއިރު، އީރާނާ ސައުދީއަކީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް ދެ ގައުމެވެ. ކޮންމެ އަހަރެއްގެ ޙައްޖު މޫސުމާ ދިމާކޮށް ދެގައުމުގެ ސިޔާސީ ކޯޅުންގަނޑާ، ބަހުގެ ހަމަލާތައް އިތުރަށް ވަރުގަދަ ވެގެންދެއެވެ.

އީރާނާ އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް، 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސައުދީން ކަނޑާލި ނަމަވެސް، ޙައްޖުގެ އަޅުމަކީ، ދީނީ އަޅުމަކަކަށްވާއިރު ސިޔާސީ ކޯޅުންގަނޑުގެ ތެރެއަށް މިކަން ވައްދައިގެން ނުވާނެ ކަމަށް ދެގައުމުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.