ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކޭ ބުނެ ރަލާއި އޫރުމަސް ވިއްކުމާއި އެތެރެކުރުން ހުއްޓާލަން މަޖިލީހަށް ނިންމަން ނުކެރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ މިއަދު އޭނާ މަޖިލީހުގެ ގަވާއިދު ކޮމެޓީއަށް ހުށަހެޅުއްވި ރަލާއި އޫރު މަސް އެތެރެކުރުމުގައި ސަރުކާރުން ދޫކުރާ ކޯޓާއެއްގެ ދަށުން ދޫކުރުމަށް ހުށަހެޅި އިސްލާހު ބަލައި ނުގަތުމާ ގުޅިގެންނެވެ.

މަޖިލީހުން ދުނިޔޭގެ ތަހުޒީބު ގައުމުތަކުގެ ވިސްނުންތަކާއި އެއްގޮތަށް ގާނޫނާއި ގަވާއިދު ތަކަށް އިސްލާހު ގެންނަން ޖެހޭ ކަަމަށާ، އެއީ އިސްލާމް ދީނާ ހިލާފު ނުވެ ކުރެވޭނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުވެސް ރަލާ އޫރުމަސް ކީއްވެގެންތޯ ދެނީ. މިއަދު މިކަން ހުއްޓާލަންވީ ނޫންތޯ. އަޅެ މި މަޖިލީހުގަ ތިބި މެންބަރުން އިށީނދެލާފައި ނިންމާލަބަލަ މިއަދުން ފެށިގެން ރަލާއި އޫރުމަހާ ނުވިއްކޭނެ ގޮތަށް.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރު މަޖިލީހަށް އިޝާރާތް ކުރައްވާ ވިދާޅުވީ ދީނާ ހިލާފު ކަމެކޭ ބުނެ މިފަދަ ކަމެއް ހުއްޓާލުމަކީ މަޖިލީހުން ކުރާނެ ކަމެއް ނޫން ކަމަށާއި، އެކަން ކުރުމަށް އަޑު އުފުލާނެ ފަރާތެއްވެސް ނެތް ކަމަށެވެ. އެއީ ރައްޖެއަކީ ޓުއަރިޒަމަށް ބަރޯސާވެފައިވާ ގައުމެއް ކަމުން، މިކަން ހުއްޓާލައިފި ނަމަ ރާއްޖޭގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ކިތަންމެ އިސްލާމް ދީނާ އެއްގޮތަށް ކަންކުރާ ގައުމެއް ކަމުގައި ވިޔަސް އެގޮތަށް ނިންމަން ބޭނުންވާނެ ފަރާތެއް ނުހުންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އިސްލާމް ދީނާ ހިލާފު ވަނީ ހަމައެކަނި ވަކި ކަމެއް ކުރުމުން ތޯ، އައްސަވައި އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ދީނުގައި ވާ ގޮތްތަކަށް އެވަރަށް ބަލާ ގައުމެއް ނަމަ ރަލާއި އޫރުމަހުން ނަފާ ނުހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމަކީ ދީނާ ހިލާފު ކަމެއްކަން އެނގިތިބެ ވެސް ސަރުކާރުން ހުއްދަދީގެން ކުރަމުން ގެންދާތާ އެތައް ޒަމާނެއް ވެފައިވާކަން ޖާބިރު ފާހަގަކުރިއެވެ.

އޭރުން އަޅުގަނޑުމެންގެ އަތާއި އަނގަޔަކާ ދިމަލެއް ނުވާނެ. މިހާރު ރިޔަލު ބޮއްކުރައެއްގައި ފަލި ޖަހާލަންވެސް އަޅުގަނޑުމެންނަކަށް ނޭނގޭނެ. އަޅުގަނޑުމެން ހަމަ ތަހުޒީބު ވާވަރަށް ތަހުޒީބު ވަމުން މިދަނީ
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ ދިވެހިންގެ ވިސްނުން ހުންނަނީ އަބަދުވެސް ނާތަހުޒީބު ކޮށް ކަމަށާ، އެހެން ނަމަވެސް ދިވެހިން އަބަދުވެސް ބޭނުންވަނީ 'ޔޫއެސް ޑޮލަރުން' އުޅެން ކަމަށެވެ. އަދި ޔޫއެސް ޑޮލަރުން އުޅެން ބޭނުން ކަމުގައި ވާނަމަ ޔޫއެސް ޑޮލަރުގެ ވައްތަރަށް މިތަން "އޮޕަރޭޓް" ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ދެމީހަކު ކޮފީބޯން ތިބެފަވެސް މި ދައްކަނި ދެމިލިއަން ޑޮލަރުގެ ވާހަކަ. އަޅުގަނޑު ހިތަށް އަރާ ސަހަރޯ ސަހަރޯއޭ މިހާދަ މުއްސަނދި ގައުމެކޭ. އެހެންވީމަ މިވަރުގެ ގައުމެއްގައި ހުރިހާ ކަމެއްވެސް ތަހުޒީބުކޮށް ހުންނަން ޖެހޭނީ
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ދިވެހިންގެ ވިސްނުމުގެ ނާތަހުޒީބު ކަމަށް މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ މި ގައުމުގެ މީހުންގެ ވިސްނުމުގެ ފެންވަރަކީ، އެންމެން ދަތުރު ކުރަން ބޭނުންވަނީ "ޕްރައިވެޓު ޖެޓު"ގައި ކަމަށާ އެހެން ނަމަވެސް އެއަށް ކެޕްޓަނަކު ލާން ބޭނުން ނުވާ ކަމަށާ އަދި އެއަށް ތެޔޮ އަޅާކަށްވެސް ބޭނުން ނުވާކަމަށެވެ.